ކުޅިވަރު

ޕްރެމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ކްލޮޕް


ޕްރެމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށް ޗެމްޕިއަން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހޮވައިފިއެވެ.

އިނގިރޭސި ލީގުގެ މެނޭޖާސް އެސޯސިއޭޝަނުން އޭނާ އަށް މިމަޤާމު ދިނީ 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލިވަޕޫލަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދިނުމުންނެވެ.

އަންހެން އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެލްސީއަށް ލީގު ކާމިޔާބުކޮށްދިން ކޯޗު އެމާ ހަޔޭސްއެވެ. ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންކަން ހޯދައި ޕްރެމިއާ ލީގުން ފުރުސަތު ހޯދި ލީޑްސް ޔުނައިޓެޑްގެ ކޯޗު މާސެލޯ ބިއެލްސާއެވެ.

ކްލޮޕަށް ލީގުގެ އެންމެ މޮޅު ކޯޗުކަން ލިބުނުކަން އިއުލާނުކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އަދި ޕްރެމިއާ ލީގުގެ އެންމެ ކާމިޔާބު ކޯޗު ސާ އެލެކްސް ފާގަސަންއެވެ.
އޭނާ ބުނީ މިއިނާމަކީ ކްލޮޕަށް ހައްގު ކާމިޔާބީއެއް ކަމަށެވެ. އަދި ސާމާސާ ކުރަމުން ފާގަސަން ބުނީ މެންދަމު ތިނެއް ޖެހިއިރު ލިވަޕޫލް ޗެމްޕިއަންކަން ހޯދި ޚަބަރު އޭނާއަށް ލިބުނު ކަމަށާއި އެކަމަށް ކްލޮޕަށް މަޢާފް ކުރާ ކަމަށެވެ. ފާގަސަން ބުނީ ކްލޮޕް ވަނީ ލިވަޕޫލް ވަރަށް ބޮޑަށް ބަދަލުކޮށްފައި ކަމަށާއި އެންމެ މޮޅު ކޯޗުގެ މަގާމު ހުރިހާ ގޮތަކުން ވެސް ހައްގުވާ ކަމަށެވެ.

ކްލޮޕް ބުނީ ލިވަޕޫލްގެ ކޯޗަކަށްހުރެ ފާގަސަން އަށް ތައުރީފް ކުރުމަކީ އެހާ ރަނގަޅު ކަމެއްނޫންކަން އެނގޭ ކަމަށާއި ނަމަވެސް ފާގަސަން އަކީ އޭނާ ވަރަށް ބަލައިގަންނަ ކޯޗެއް ކަމަށެވެ. އަދި ފާގަސަން އަކީ އޭނާއާ ބައްދަލުވި އެންމެ ފުރަތަމަ އިނގިރޭސި ކޯޗު ކަމަށާއި އޭނާއާއެކު ކެއުމަކަށް ވެސް އިންސާފުކުރި ކަމަށާއި ފަހަރުގައި ފާގަސަން މިހާރު އެހަނދާން ނުހުރެދާނެ ކަމަށެވެ.