ޔުވެންޓަސް އަށް ވިއްކާލަން ނިންމާފައިވާ ބާސެލޯނާގެ މިޑްފީލްޑަރު އާތޫރް މެލޯއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން އެ ކްލަބުން ނިންމައިފިއެވެ.
ބާސެލޯނާއިން މި ގޮތަށް ނިންމީ ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގައި ބާސެލޯނާއަށް ނުކުޅެން އާތޫރް މެލޯ ނިންމުމުންނެވެ. ކުލަބުން ބުނީ އާތޫރް މެލޯ މިދިޔަ ހޯމަ ދުވަހު އާތޫރް މެލޯ ކޯވިޑް-19 އަށް ޓެސްޓްކުރަން ބޭއްވި ސެޝަންއަށް ހާޒިރުނުވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހުގެ ޕްރެކްޓިހަށް ވެސް ހާޒިރުނުވާ ކަމަށެވެ.
ކުޅުންތެރިޔާގެ ނުގަބޫލުގައި އޭނާ ވިއްކާލުމުން އަރްތޫރު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މިހެންވެ އޭނާ ވަނީ ޔުވެންޓަސްއަށް ސީޒަން ނިމުމުން ބަދަލުވުމުގެ ކުރިން ވެސް އޭނާ އާއި ބާސެލޯނާއާ ދެމެދު އޮތް ކޮންޓްރެކްޓް އުވާލުމަށް އެދިފައެވެ. ނަމަވެސް ބާސެލޯނާއިން ވަނީ މިކަމަށް ދެކޮޅު ހަދައިފައެވެ. ސަބަބަކީ ކުލަބުން އޭނާ ލައްވައި ޗެމްޕިއަންސް ލީގު ކުޅުވަން ބޭނުންވުމެވެ.
ނަމަވެސް ކުޅުންތެރިޔާ މިކަމަށް ދެކޮޅު ހެދުމުން އޭނާއަކީ އަޚުލާގީ ގޮތުން ރަނގަޅުނޫން އަމަލުތަކެއް ކުރި ކުޅުންތެރިއެއް ކަމަށް ބަލައި ބާސެލޯނާއިން ވަނީ މައްސަލަ ހުށަހަޅަން ނިންމައިފައެވެ.