ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އެކުލަބުގެ މެމްބަރުންގެ ގްރޫޕަކުން މަސައްކަތް ފަށައިފިއެވެ.
ސަޕޯޓަރުންނާއި ކުޅުންތެރިންގެ އިތުރުން ކުލަބުގެ އެނޫންބައެއް މީހުންގެ މެދުގައި މަގުބޫލުކަން ކުޑަ ބާޓޮމެއުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މިހާރު ދަނީ މެމްބަރުންގެ ސޮއި ހޯދަމުންނެވެ.
މި ގްރޫޕުން ބުނީ ކުރިއަށް އޮތް އިންތިޚާބާދެމެދު އޮތީ އެންމެ އަހަރެއްކަން އެނގޭ ކަމަށާއި ނަމަވެސް ބޭނުންވަނީ ބާސެލޯނާ އަކީ މިހާރަށްވުރެ ދެފުށްފެންނަ ނިޒާމެއްގެ ގޮތުން ދަށުން ހިގާ ހަރުދަނާ ކުލަބެއްގެ ގޮތުގައި ދެއްކުން ކަމަށެވެ. އަދި މިހާރުގެ ރައީސް މިފަދަ ކަންކަމަށް އެއްބާރުލުން ނުދޭ ކަމަށާއި ބާސެލޯނާގެ މިސްރާބު ރަނގަޅު ނުކޮށްފިނަމަ ކުލަބުގެ ދުވެލި މަޑުޖެހިދާނެ ކަމަށެވެ.
ބާސެލޯނާގެ ރައީސް ކަމަށް ވާދަކުރާ ބައެއް ކެނޑިޑޭޓުން ވަނީ މިހާރު ކުރިއަށްދާ ގޮތަށްދާނަމަ ބާސެލޯނާ އަކީ ކުރިމަގުގައި ޔޫރަޕުގައި ވާދަނުކުރެވޭ ކުލަބަކަށް ބަދަލުވުމުގެ ބިރު އެބައޮތް ކަމަށެވެ.
އަދި ކުލަބުގެ ކުޅުންތެރިންނާއި ކުރީގެ ކުޅުންތެރިންނާއި ބޯޑުގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވުން އުފެދި ބާސެލޯނާގެ އެތެރޭގެ މައްސަލަތައްވެސް ފަހަކަށް އައިސް ވަނީ ގިނަވެފައެވެ. މީގެ ސަބަބުން އެކުލަބުގެ ކާމިޔާބީތައް ވެސް ވަނީ މަދުވާން ފަށައިފައެވެ.