ޚަބަރު

އުސޫލާ ޚިލާފު 40 ތަނެއް މިއަދު ބަންދުކުރި


ކޯވިޑުން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފަށް ހިންގަމުންދިޔަ 40 ތަނެއް މިއަދުވެސް ބަންދުކޮށްފައިވާކަމަށް ހެލްތް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އެޗްޕީއޭއިން އެކުލަވާލި މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްދޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި މިއަދުވެސް 189 ތަނެއް ބަލާފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ޚިދުމަތްދޭ 62 ތަނަކާއި 13 ސެލޫނަކާއި 113 ފިހާރައެއްގެ އިތުރުން މާރުކޭޓެކެވެ.

މި ތަންތަނުގެ ތެރެއިން އުސޫލުތަކާއި ޚިލާފުވެގެން 40 ތަނެއް މިއަދު ބަންދުކޮށްފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ. ޤަވައިދާ ޚިލާފުވެގެން ބަންދުކުރި ތަންތަނުގެ ތެރޭގައި ހިމެނޭނީ ކާބޯތަކެތީގެ ޚިދުމަތްދޭ 16 ތަނަކާއި 14 ފިހާރައަކާއި 9 ސެލޫންނަކާއި މާރުކޭޓެކެވެ.

ޑރ ނަޒްލާ ވިދާޅުވީ އިންސްޕެކްޝަން އެންމެ ފުރަތަމަ ފެށި އިރު ބެލި ތަންތަނުގެ ތެރެއިން ދެބައިކުޅަ އެއްބައި ތަންތަން އުސޫލާއި ޚިލާފުވެގެން ބަންދުކުރަން ޖެހުނުކަމަށެވެ. އެހެންނަމަވެސް މިހާރު އުސޫލްތަކާއި އެއްގޮތަށް ހުރި ތަންތަން އިތުރުވަމުން އަންނަ އުފަލާއިއެކު ފާހަގަކުރާކަމަށް ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ އުސޫލުތަކާއި ޚިލާފުވެގެން ބަންދުކުރާ ތަންތަނުގެ ނަންތައް އާއްމުކުރުމުގެ އުސޫލެއް އަދި ނެތްނަމަވެސް ބަންދުކުރާ ތަންތަން ފާހަގަވާގޮތަށް ނޯޓިސް ހަރުކޮށްފައި ހުންނާނެކަމަށެވެ.

އުސޫލުތަކަށް ނުފެތޭ ތަންތަން ބަންދުކުރުމަށްފަހު ކަންކަން އިސްލާޙުކުރުމަށް 24 ގަޑިއިރުގެ ވަގުތެއް ދެއެވެ. އަދި އިސްލާޙުކުރުމަށްފަހު އެޗްޕީއޭގެ ޚާއްސަ ހޮޓްލައިނަށް ގުޅާ އެންގުމުން އަލުން އެތަނެއް އިންސްޕެކްޓކުރުމަށްފަހު އުސޫލާއި އެއްގޮތަށް ހުރި ނަމަ އެތަނެއް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން އަންނަނީ ދެމުންނެވެ.

ކޯވިޑްގެ ބަލި މާލެއިން ފެނި ބަލި ފެތުރުން ކޯންޓްރޯލުކުރުމުގެ ގޮތުން މާލެ ފުރަބަންދުގައި އޮތުމަށްފަހު އާއްމު ހިދުމަތްދޭ ތަންތަން އަލުން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ އެއްވަނަދުވަހުއެވެ. ފުރަބަންދަށް ދިން ލުއިތަކާއި އެކު އަލުން ތަންތަން ހުޅުވާލާފައިވަނީ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހުއެވެ.

މިގޮތުން ފިހާރަތަކަށް ގިނަ ވެގެން މީހުން ވަދެވޭނެ ވަރާއި ކެފޭ ރެސްޓޯރަންޓްތަކުގައި މީހުން ތިބެން ޖެހޭނެ ގޮތް ހިމެނެއެވެ. އަދި އެތަންތަނުގައި ސެނިޓައިޒަރ ބަހައްޓާ އަތް ސާފުކރެވޭނެ އިންތިޒާމުތައް ހަމަޖެއްސުންވެސް ހިމެނެއެވެ.