ދެ އަހަރު ފަހުން ފުރަތަމަ ފަހަރަށް ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވެއްޖެއެވެ.
އިޓާލިއަން ލީގުގެ ފަހު މެޗުގައި ޗެމްޕިއަން ޔުވެންޓަސް އަމިއްލަ ދަނޑުގައި ރޭ ބަލިވީ ވާދަވެރި ރޯމާއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޔުވެންޓަސްގެ އާޖެންޓިނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ލަނޑެއް ޖަހާފައިވަނިކޮށް ރޯމާ ކުރި ހޯދީ ފަހަތުން އަރައި 3 ލަނޑު ޖަހައިގެންނެވެ. ރޯމާގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ނިކޮލާ ކަލްނިޗް އިތުރުން ޑިއޯގޯ ޕެރޯޓީއެވެ. އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ.
ލީގުގެ އެންމެ ފަހުން ކުޅުނު މެޗުންވެސް ބަލިވި ޔުވެންޓަސް މިމެޗަށް ނުކުތީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ޒުވާން ޓީމުގެ ގިނަ ކުޅިންތެރިން ފުރަސަތު ދިންއިރު ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސަރީ ވަނީ ގިނަ ކުޅުންތެރިނަށް އަރާމްކުރަން ފުރުސަތު ދީފައެވެ. މި ބައްޔާއެކު ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ އައިސިލްސިލާ ނިމުމަކަށް އައިސްފައެވެ.
ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 40 މެޗު ހަމަކޮށްފައެވެ. އެންމެފަހުން ޔުވެންޓަސް އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ 2018 ވަނަ އަހަރު ނަޕޯލީ އަތުންނެވެ.
ޔުވެންޓަސް އެންމެ ފަހުން ކުޅުނު 8 މެޗުން ތެރެއިން މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ޗެމްޕިއަން ޔުވެންޓަސް ރޭގެ މެޗަށްފަހު ތަށި އުފުލާލީ 83 ޕޮއިންޓާއެކުއެވެ. އެއީ ދެވަނާގައި އޮތް އިންޓަމިލާން ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
މި ސީޒަނުގައި ދެން ޔުވެންޓަސް ކުޅެން ޖެހޭ މެޗަކަށް އޮންނާނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ހުކުރު ދުވަހު ފްރާންސް ލިޔޯންއާ ދެކޮޅަށް ކުޅޭ މެޗެވެ.