ކުޅިވަރު

ސާދަ ވަނަ ފަހަރަށް އެފްއޭ ކަޕް އާސެނަލުން ކާމިޔާބުކޮށްފި


ފަހަތުން އަރައި ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން 14 ވަނަ ފަހަރަށް ވާދަވެރި އާސެނަލުން ހޯދައިފިއެވެ.

ކްރިސްޓަން ޕުލިސިޗް ލަނޑެއް ޖަހާފައިވަނިކޮށް އާސެނަލުން ފަހަތުން އަރައި ކުރި ހޯދީ އެމްރިކް އައުބައަމަޔަން ކާމިޔާބުކުރި 2 ލަނޑުންނެވެ.

މިއީ އެފްއޭ ކަޕުގެ ތާރީހުގައި އާސެނަލް ހޯދީ ސާދަ ވަނަ ތައްޓެވެ. އެޓީމަކީ އެފްއޭ ކަޕު ތާރީހުގައި އެންމެ ގިނަ ތަށި ހޯދުމުގެ ރެކޯޑް އޮތް ޓީމެއެވެ. އެޓީމުގެ ފަހަތުން އެންމެ ގިނަ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެޓީމުން ވަނީ މި މުބާރާތް 12 ފަހަރު ކާމިޔާބުކޮށްފައެވެ.

މި މޮޅާ އެކު އާސެނަލަށް ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގަ ލިބިފައެވެ. މިއީ އާސެނަލުގެ މިހާރު ކޯޗު މިކެލް އާޓެޓާ އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ތައްޓެވެ. މިއާއެކު އާޓެޓާ ވެގެން ގޮސްފައިވަނީ ކެޕްޓަނެއްގައި ގޮތުގައި އަދި ކޯޗެއްގެ ގޮތުގައި މިތަށި ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ.

މި މެޗަކީ ޗެލްސީގެ ކޯޗެއްގެ ގޮތުގައި ފްރޭންކް ލަންޕާޑް ވާދަކުރި ފުރަތަމަ ފައިނަލް މެޗެއެވެ.

މި މުބާރާތާއެކު އާސެނަލަށް ވަނީ މި ސީޒަން ނިމިފައެވެ. ނަމަވެސް ޗެލްސީއަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗު ކުރިޔަށް އެބައޮތެވެ. އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައި ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް އާސެނަލަށް ލިބުމުން އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނަ ހޯދި ޓޮޓެންހަމް ޖެހޭނީ ޔޫރޮޕާ ލީގުގެ ކޮލިފައިން ކުޅޭށެވެ.