ކުޅިވަރު

ކޯވިޑްގެ ސަބަބުން ނޭމާ ނުގަނެވޭނެ: ބާސެލޯނާ


އަންނަ ސީޒަނަށް ބާސެލޯނާއަށް ނޭމާ ސަންޓޯސް ނުގަނެވޭނެ ކަމަށް އެ ޓީމުން ބުނެފިއެވެ.

ބްރެޒިލްގެ ފޯވަޑް އަލުން ގަތުމަށް ބާސެލޯނާ ކުރާ މަސައްކަތަށް ހުރަސް އެޅުނީ ކޯވިޑް-19ގެ ސަބަބުން ކަމަށް ވެސް ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ނޭމާގެ އިތުރުން އިންޓަމިލާނުގެ ފޯވަޑް ލައުޓާރޯ މާޓިނޭޒް ގަތުމާމެދު ސުވާލު އުފެދޭ ކަމަށެވެ. ސަބަބަކީ އެވަރުގެ މާލީ ތަނަވަސްކަމެއް މިވަގުތު އެކްލަބުގައި ނެތުމެވެ.

ބާޓޮމެއު ވިދާޅުވީ ބާސެލޯނާއިން އަންދާޒާ ކުރިވަރަށްވުރެ މި ސީޒަނުގެ އާމްދަނީން 200 މިލިއަން މަދުވެއްޖެކަމަށާއި މީގެ ސަބަބުން އަންނަ ސީޒަނަށް ކުލަބު ވަރުގަދަ ކުރުމަށް ކުރާ މަސައްކަތަށް ބޮޑު ހުރަހެއް އެޅޭނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގައި ހުރި ބާސެލޯނާގެ ކުރީގެ ފޯވަޑް ނޭމާ ސަންޓޯސް އަލުން އަންނަން ކިތަންމެ ބޭނުންވި ނަމަވެސް އޭނާ ގަތުމަށް ބާސެލޯނާއިން 150 މިލިއަން ޕައުންޑް ހަރަދު ކުރަންޖެހޭނެއެވެ. ނަމަވެސް މިއީ މީގެ ތިން އަހަރު ކުރިން ދުނިޔޭގެ ރެކޯޑް ޢަދަދެއް ކަމަށްވާ 222 މިލިއަން ޕައުންޑަށް ކުލަބު ބަދަލު ކުޅުންތެރިޔާއަށް ހަރަދުކުރަން ބަލާއިރު ބާސެލޯނާ އަށް އަތްނުފޯރާނެ އަދަދެކެވެ. އަދި ލައުޓާރޯ މާޓިނޭޒްގެ އަގު ވެސް 100 މިލިއަން ޕައުންޑަށްވުރެ ކުޑަނުވާނެއެވެ.

ބާސެލޯނާއަކީ ކޯވިޑް-19ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ އެންމެ ބޮޑަށް ކުޑަކުރި އެއް ކުލަބެވެ. އެކުލަބުން ބުނަނީ މިއަޑިގަޑުން އަރައިގަތުމަށް ތިން އަހަރު ވެސް ހޭދަކުރަންޖެހިދާނެ ކަމަށެވެ.