ބްރެޒިލްގެ ދެ ކުޅުންތެރިން ކަމަށްވާ ވިލިއަން އާއި ކުޓީނިއޯ ގެންދަން އާސެނަލްއިން މަސައްކަތް ފަށައިފިއެވެ.
ޗެލްސީ އަށް ކުޅެމުން އަންނަ ވިލިއަން އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އޭނާ އަށް ކޯޗު ފްރޭންކް ލަމްޕާޑު ދެ އަހަރުގެ ކޮންޓްރެކްޓް ދޭން ހުށަހަޅަން ބޭނުންވި ނަމަވެސް ވިލިއަން މިހާރުވަނީ އެ ހުށަހެޅުން ދޫކޮށްލައިފައެވެ. ވިލިއަން ލަންޕާޑުގެ ހުށަހެޅުން ދޫކޮށްލީ އޭނާއަށް ޗެލްސީން ދޭވަރަށްވުރެއް ބޮޑު މުސާރައެއްް އާސެނަލްއިން ހުށަހެޅުމުންނެވެ.
އަންނަ ސީޒަނަށް އާސެނަލް ވަރުގަދަ ކުރުމަށް ކޯޗު މިކޭލް އާޓެޓާ ހޯދަން ބޭނުންވާ އަނެއް ކުޅުންތެރިއަކީ ބާސެލޯނާގެ ފިލިޕޭ ކުޓީނިއޯއެވެ. ލިވަޕޫލްގައި ހުރެފައި ބާސެލޯނާއަށް ބޮޑުއަގުގައި ބަދަލުވި ނަމަވެސް ބަޔާން މިއުނިކަށް ލޯނު އުސޫލެއްގެ ގޮތުން ކުޅެމުން އަންނަ ކުޅުންތެރިޔާ އަންނަ ސީޒަނުގައި ވެސް ލޯނަށް ދޫކޮށްލަން ނުވަތަ ވިއްކާލަން ބާސެލޯނާ ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭ ގަތުމަށް އާސެނަލް މަސައްކަތް ކޮށްފާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެއީ ކެޕްޓަން ޕެޓްރިކް އައުބަމޭ އޭނާ ގެނައުމަށް ބޭނުންވުމެވެ. އައުބަމޭގެ ކޮންޓްރެކްޓް އާކުރުމަށް އާސެނަލްއިން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދި އެކަން ވެސް އޮތީ ނުނިމިއެވެ.