ޚަބަރު

ކޯވިޑް-19 : ހުރިހާ ރަށްރަށުގައި މާސްކްއަޅަން އިލްތިމާސްކޮށްފި


ރާއްޖޭގައި ކޯވިޑް-19 ފެތުރުން އިތުރުވފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައިވެސް ބޭރަށް ނުކުމެ އުޅުމުގައި މާސްކުއަޅަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު އެކި ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން އިއުލާން ކުރައްވާފައެވެ. އެގޮތުން މާލެއިން ރަށްރަށަށްވެސް މީހުން ދަތުރުކޮށްފައިވާތީއާ ބައެއް ރަށްރަށުންވެސް ބަލި ފެނިފައިވާތީ ހުރިހާ ރަށްރަށުގައިވެސް މާސްކުއެޅުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން މާލޭގެ އިތުރުން މިވަގުތު ބަލި ފެނިފައިވާ 10 ރަށުގައި މާސްކްއެޅުން މަޖުބޫރުކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. އަދި މާލެއިން ރަށްރަށަށް ދަތުރުކުރާއިރުވެސް މާސްކުއަޅަންވަނީ މަޖުބުކޮށްފައެވެ. މިވަގުތަށް އިރުޝާދުދީފައިވަނީ ފޮތި މާސްކު އެޅުމަށެވެ.

"މާލެއިން ރަށްރަށަށް ވައިގެ މަގުން ނަމަވެސް ކަނަޑުމަގުން ދިޔަނަމެސް ނުވަތަ އެއްފަސްވެފައި ހުއްޓަސް ކަނޑުމަގުން ދަތުރުކުރާއިރު މާސްކުއެޅުން މެންޑޭޓްރީ މިކުރަނީ. މީގެ އިތުރަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކްއެޅުން އަޅުގަނޑުމެން ރިކޮމެންޑް އެބަކުރަން. މިހެން ދަންނަވާއިރުވެސް އެބައިނގޭ މާސްކްލިބުމުގައި ދަތިތަކެއް ހުންނާނެކަން އެހެންވެގެން އަޅުގަނޑުމެން ހުށައަޅަނީ ފޮތި މާސްކުއެޅުމަށް" ސާމިޔާ ވިދާޅުވިއެވެ.

ފުރަބަންދަށްފަހު މާލެ ސަރަހައްދުން ގިނަ ޢަދަދެއްގެ ބަޔަކު ރަށްރަށަށް ގޮސްފައިވާއިރު ފާހަގަނުކުރެވުނު ނަމަވެސް ރަށްރަށުގައި ބަލި އުޅުމަކީ އެކަށީގެންވާ ކަމަކަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރުން ފެށިގެން ރަށްރަށުގައި ފޮތި މާސްކުއަޅަން އެދޭކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާރުން ފެށިގެން ޒަރޫރީ ބޭނުންތަކާއި ސިއްޙީ ކަންކަމުގައި މާލެ އައިސްތިބި މީހުންފިޔަވައި އެހެން އެއްވެސްބަޔަކު މާލެއިން ރަށްރަށަށް ހޯމްކަރަންޓީންވާގޮތަށް ނުދެވޭގޮތަށްވަނީ ނިންމާފައެވެ.