ޚަބަރު

ކޯވިޑްގައި މަރުވި މީހުންގެ އަދަދު 7 ލައްކައަށްވުރެ މައްޗަށް


ކޯވިޑް-19ގައި މުޅި ދުނިޔެއިން މަރުވި މީހުންގެ ޢަދަދު ހަތްލައްކައަށްވުރެ މައްޗަށް އަރައިފިއެވެ. މިބަލި މިހާރު ދުނިޔޭގެ 188 ޤައުމަކަށް ފެތުރިފައިވާއިރު ބަލި ޖެހުނު މީހުންގެ ޢަދަދުވަނީ އަށާރަ މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.

ކޯވިޑް-19ގައި މަރުވި މީހުންގެ ޢަދަދު ހަތްލައްކައަށްވުރެ މައްޗަށް އަރާފައިވާއިރު ވޭތުވެ ދިޔަ ދެ ހަފްތާގެ ތެރޭގައި ކޮންމެ 24 ގަޑިއިރަކު ގާތްގަނޑަކަށް 5900 އާ ގާތްކުރާ ޢަދަދަކަށް މިބަލީގައި މީހުން މަރުވަމުން އަންނަކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. މި ޢަދަދުން ބަލާއިރު އެއީ ގަޑިއިރެއްގެ ތެރޭގައި 246 މަރެވެ. ކޯވިޑް-19ގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. އެޤައުމުގައި މިހާތަނަށް އެއްލަކަ ފަންސާސް ހަހާހަށްވުރެ ގިނަ މީހުންވަނީ މިބަލީގައި މަރުވެފައެވެ.

ކޯވިޑްގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒިލްގައެވެ. އެގޮތުން އެޤައުމުގައި މިހާތަނަށް ނުވަދިހަ ފަސްހާހަށްވުރެ ގިނަ މީހުންވަނީ މިބަލީގައި މަރުވެފައެވެ. ބްރެޒިލްއަށްފަހު އެންމެ ގިނަ މީހުން މަރުވި ޤައުމެއްގެ ގޮތުގައި ރިކޯޑުކުރެވިފައިވާ މެކްސިކޯއިން 48 ހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އިނގިރޭސިވިލާތަކީ މިބަލީގައި މަރުވި މީހުން ހަތަރުވަނައަށް އެންމެ ގިނަ ޤައުމެވެ. އިނގިރޭސިވިލާތުގައި ކޯވިޑް ޖެހިގެން ކޭސްތައް ރިޕޯޓުކުރާ މިންވަރު ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައިވީނަމަވެސް އެޤައުމުން މިހާތަނަށް މިބަލީގައި ސާޅީސް ހަހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މުޅިދުނިޔެއިން 5 ވަނައަށް މިބަލީގައި މަރުވާމީހުންގެ ނިސްބަތް އިތުރުވަމުން އަންނަނީ އަވައްޓެރި އިންޑިއާގައެވެ. އެގޮތުން އެޤައުމުގައި މިހާތަނަށް ތިރީސް ނުވަހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަރު ޗައިނާގައި ފެތުރެން ފެށި މިވައިރަހުގެ ސަބަބުން ޗައިނާގައި މިހާތަނަށް 4676 މީހުންވަނީ މަރުވެފައެވެ. ޗައިނާއަށްފަހު އެންމެ ބޮޑަށް ވައިރަހުގެ ނުރައްކާ ބޮޑުވެގެން ދިޔައީ އިޓަލީއާއި ސްޕެއިންގައެވެ. މިހާތަނަށް މިބަލީގައި އިޓަލީން ތިރީސް ފަސްހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ސްޕެއިންގައިވަނީ އަށާވީސްހާސް މީހުން މަރުވެފައެވެ.

މިބަލި ފެތުރޭ މިންވަރު ދުވަހުން ދުވަހަށް އިތުރުވެ މަރުވާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. ޤައުމުތަކުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން މަސައްކަތްކުރަމުން އަންނަނީ ބަލި ފެތުރޭ ނިސްބަތް ދަށްކޮށް ބަލީގެ ކާވް ފްލެޓްކުރުމަށެވެ. އެކަންކުރެވޭނީ ބަލި ފެތުރޭ ނިސްބަތް މަދުކުރެވިގެންނެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ޤައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރުކުރުން ހުއްޓާލާ ޤައުމުތަކުގެ އެތެރޭގައި ކަރފިއުވަނީ ޢިއުލާންކޮށްފައެވެ.