ކުޅިވަރު

ޒުވާން ކުޅުންތެރިއަކު ނުވިއްކާނަން: ބާސެލޯނާ


ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާގެ ޒުވާން އެއްވެސް ކުޅުންތެރިއަކު ނުވިއްކާނެ ކަމަށް އެކުލަބުން ބުނެފިއެވެ.

ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ނުވިއްކާނެ ކަމަށް ލިސްޓުކޮށްފައިވާ ކުޅުންތެރިންގެ ގޮތުގައި ފާހަގަ ކުރި ނަންތަކަކީ ފޯވަޑް އަންސޫ ފަޓީ އާއި ޑިފެންޑަރު ރޮނަލްޑް އަރުންޖޯ އާއި ރުއިޕުއިޖް އަދި ކީޕަރު މާކް އަންދްރޭ ޓާސްޓެގަންއެވެ.

މީގެ ތެރެއިން ޖަރުމަނުގެ ކީޕަރު ޓާސްޓެގަންގެ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ބާޓޮމެއު ވިދާޅުވީ މީޑިއާއިން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް ޓާސްޓެގަންގެ ކޮންޓްރެކްޓް އާކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފާޑުކިއުން އަމާޒުވެފައިވާ ކުލަބުގެ ރައީސް ވިދާޅުވީ ޒުވާން ކުޅުންތެރިން ވިއްކާލަން ބާސެލޯނާއިން ބޭނުންނުވަނީ ކުރިމަގަށް ފެންވަރު ރަނގަޅު ޓީމެއް ބިނާކުރުމަށް އެކުލަބުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

އޭނާ އަދި ބުނީ އަންނަ ސީޒަނަށް ބާސެލޯނާގެ ކޯޗު ބަދަލުވާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މިވަގުތު ކޯޗަކީ ކީކޭ ސެޓިއެން ކަމަށާއި އޭނާ އަށް ކުލަބުގެ އިތުބާރު އެބައޮތް ކަމަށެވެ.

ބާސެލޯނާ އަށް މި ސީޒަނުގައި ތައްޓެއް ހޯދެން އޮތީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްގެންނެވެ. އެކަން ނުވެއްޖެނަމަ އަންނަ ސީޒަނަށް ކުލަބަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވިސްނަމުންދާ ކަމަށް މީޑިޔާތަކުން ދައްކާ ވާހަކަތަކާމެދު ބާޓޮމެއު ވަކި އެއްޗެއް ނުބުނެއެވެ.