ސްޕެއިންގެ ވެލެންސިއާ ދޫކޮށްލީ އެ ޓީމުގެ ކެޕްޓަންކަން ނުދިނުމުންކަމަށް މެންޗެސްޓާ ސިޓީއަށް ބަދަލުވި ފެރަން ޓޮރޭޒް ބުނެފިއެވެ.
އުމުރުން އެންމެ 20 އަހަރުގެ ކުޅުންތެރިޔާ ބުނީ ވެލެންސިއާގައި މަޑުކުރަން އޭނާ ބޭނުންވި ކަމަށެވެ. ނަމަވެސް އެކަމަށްޓަކައި ކުލަބަށް ތިން ކަމެއް ހުށަހެޅި ކަމަށާއި މީގެ ތެރެއިން އެއްވެސް ކަމެއް ކުލަބުން ފުރިހަމަކޮށްނުދިން ކަމަށެވެ. ފެރަން ޓޮރޭޒް ބުނީ އޭނާ ބޭނުންވި ކަންކަމުގެ ތެރޭގައި ކެޕްޓަންކަން ދިނުމާއި ކުލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުން ކަމަށެވެ. އޭނާ އަދި ބުނީ ކުލަބުގެ ކެޕްޓަނާވެސް އޮތީ ރަނގަޅު ގުޅުމެއްނޫން ކަމަށެވެ.
ސިޓީއަށް ބަދަލުވެވުމަކީ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ނިންމުމެއް ކަމަށް ވެސް ފެރަން ޓޮރޭޒް ބުންޏެވެ. އަދި ކޯޗު ޕެޕް ގާޑިއޯލާއާއެކު މަސައްކަތް ކުރުމަކީ ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާނެ ކަމެއް ކަމަށާއި ހާއްސަކޮށް ސްޕޭނުގެ ކުޅުންތެރިންނަށް ގާޑިއޯލާއަކީ ހާއްސަ ކަމެއް ކަމަށެވެ.