މި އަހަރުގެ ޙައްޖު މޫސުމާ ޖެހުނުއިރު ވެސް މުޅި ދުނިޔެ މި އޮތީ ކޯވިޑް-19 ގެ ބިރުވެރިކަމުގެ ތެރެއިން އަރައިނުގަނެވިއެވެ. ކޯވިޑް-19ގެ ސަބަބުން މި އަހަރުގެ ޙައްޖު ކެންސަލްވެދާނެކަމަށް އަޑުފެތުރުނުކަމުގައި ވިޔަސް، އެންމެ ފަހު ވަގުތު، މި އަހަރުވެސް ޙައްޖުގެ އަޅުކަން އޮންނާނެ ކަމަށް ސަޢުދީ ޢަރަބިއްޔާއިން އިޢުލާނުކުރިއެވެ. މި އަހަރުގެ ޙައްޖު ކުރިޔަށްދިޔައިރު، ސަޢުދީގެ ކަމާބެހޭ މުއައްސަސާތަކުން މި އަހަރުގެ ޙައްޖު ސިފަކުރައްވާފައިވަނީ [އިސްތިޘްނާއީ ޙައްޖެއް] ގެ ގޮތުގައެވެ. އިސްތިޘްނާއީ ޙައްޖެކޭ ބުނެ ސިފަކުރެވުނީ، އެހެން އަހަރުތަކާ މުޅިން ތަފާތު އިންތިޒާމުތަކެއް ކޯވިޑް-19 ސަބަބުން ތަރުތީބުކުރެވިފައިވާތީއެވެ. އަދި އެ އިންތިޒާމުތަކަކީ ކުރިޔަށް އޮތްތާނގައި އެފަދަ ގޮތަކަށް ތަރުތީބުކުރެވުން ނާދިރު އިންތިޒާމުތަކަކަށް ވާތީއެވެ. މާތް ﷲގެ މިންވަރުފުޅުން މި އަހަރު ޙައްޖުވުމުގެ ފުރުޞަތު ލިބުނު ފަރާތެއްގެ ހައިސިއްޔަތުން، މި ލިޔުމުގައި އަޅުގަނޑު ނަޒަރު ހިންގާލަން ޤަޞްދުކުރަނީ، އަޅުގަނޑަށް ލޮލުންފެނި އަތުން ހިފުނު ތަފާތު އިންތިޒާމުތަކަށެވެ.
އެހެން އަހަރުތަކުގައި، ސަޢުދީގައި އުޅޭ މީހުންނަށާއި ސަޢުދީން ބޭރުން އެހެން ޤައުމުތަކުގައި އުޅޭ މީހުންނަށް ޙައްޖުވުމުގެ ފުރުޞަތު އޮވެއެވެ. އެހެންނަމަވެސް، މި އަހަރު ޙައްޖުވުމުގެ ފުރުޞަތު ލިބުނީ، ސަޢުދީ ޢަރަބިއްޔާގެ ރައްޔިތުންނަށާއި ސަޢުދީ ޢަރަބިއްޔާގައި އުޅޭ އެހެނިހެން ޤައުމުތަކުގެ ރައްޔިތުންނަށް އެކަންޏެވެ. ސަޢޫދީގައި ނޫޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށް މި އަހަރު ޙައްޖުވުމުގެ ފުރުޞަތެއް ނުދެއެވެ.
އެހެން އަހަރުތަކުގައި، ސަޢުދީގެ އެތެރެއިން ޙައްޖުވާ މީހެއްނަމަ، ޙައްޖަށް ހުޅުވައިލުމުން، ސަޢުދީގެ ޙައްޖު މިނިސްޓްރީގެ ވެބްސައިޓަށް ވަދެ، ތިމާ ބޭނުންވާ ޕެކޭޖެއް އިޚްތިޔާރުކޮށް، އެހެނިހެން ކަންކަން ފުރިހަމަކުރާން އޮވެއެވެ. އަދި ޕެކޭޖު އިޚްތިޔާރުކުރުމުގައި އޮންނަނީ، އެންމެ ފުރަތަމަ ހުށަހަޅާ މީހާއަށް އިސްކަންދޭ އުޞޫލެވެ. ނަތީޖާއެއްގެ ގޮތުން، ޙައްޖު އެޕްލިކޭޝަން ހުޅުވައިލާ ދުވަހު އެންމެން ތިބެނީ ތައްޔާރީގައެވެ.
މި ދިޔަ އަހަރު އެޕްލިކޭޝަން ހުޅުވައިލެވުނު ދުވަހު އަޅުގަނޑަށް އެ ވެބްސައިޓަށް ވަދެވުނީ ގާތްގަނޑަކަށް މެންދުރު 12 ޖަހާން އުޅެނިކޮށެވެ. އެ ވަގުތު ބަލައިލިއިރު، އަގުހެޔޮ އެއްވެސް ޕެކޭޖެއް ނެތެވެ. އަގުހެޔޮ ހުރިހާ ޕެކޭޖުތަކެއް ވަނީ ނަގައި ހުސްވެފައެވެ.
އެހެންނަމަވެސް، މި އަހަރުގެ ޙައްޖަށް އެޕްލައިކުރިއިރު، އެފަދަ ޕެކޭޖުތަކެއް އިޚްތިޔާރުކުރާކަށް ނެތެވެ. އެހެނެއްކަމަކު، ސަޢުދީގެ ޙައްޖު މިނިސްޓްރީން ކަނޑައަޅާފައިވަނީ ވަކި މުއްދަތެކެވެ. އެއީ، އެ މުއްދަތުގެ ތެރޭގައި ޙައްޖުވާން ކުރިމަތިލެވޭ ގޮތަށެވެ.
އެހެން އަހަރުތަކުގައި ޙައްޖުވުމުގެ ފުރުޞަތު ލިބެނީ، ޝަރުޠު ހަމަވާ މީހުންގެ ތެރެއިން، ފުރަތަމަ ހުށަހަޅާ މީހާއަށް އިސްކަންދޭ އުޞޫލުންނެވެ. އެހެންނަމަވެސް، މި އަހަރު ޙައްޖުވުމުގެ ފުރުޞަތު ދިނީ، ޝަރުޠު ހަމަވާ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ.
އެހެން އަހަރުތަކުގައި އެކި ޤައުމުތަކަށް، ޢާއްމު އުޞޫލުން މުސްލިމް އާބާދީއަށް ބިނާކޮށް، ކޯޓާ ހަމަޖައްސާފައި ހުރެއެވެ. ނަތީޖާއެއްގެ ގޮތުން، އިންޑޮނީޝިޔާއާއި އިންޑިއާ ފަދަ މުސްލިމް އާބާދީ ގިނަ ޤައުމުތަކުން ޙައްޖުވާ މީހުންގެ އަދަދު ގިނަވެއެވެ. އެހެންނަމަވެސް، މި އަހަރުގެ ޙައްޖުގައި އެ އުޞޫލަށް ނުވަތަ އެއާ ގާތްކުރާ އުޞޫލަކަށް ޢަމަލުކޮށްފައިވާތީއެއް ނުފެނުނެވެ. މި ގޮތަށް ދަންނަވަން ޖެހުނީ، ދެ ސަބަބަކާހުރެއެވެ.
ފުރަތަމަ ސަބަބަކީ ސަޢުދީގައި ދިރިއުޅޭ ފިލިޕީންސާއި ޕާކިސްތާން ރައްޔިތުންގެ އަދަދު ނުހަނު ގިނަކަމުގައިވިޔަސް، މި އަހަރުގެ ޙައްޖުވެރިންގެ ތެރޭގައި އެ ޤައުމުތަކުގެ މޫނުތައް ފާހަގަވާ ވަރަކަށް ވެސް ފެނިފައިނުވާތީއެވެ. ދެވަނަ ސަބަބަކީ ސަޢުދީގައި ތަޢުލީމު އުނގެނުމަށާއި ވަޒީފާ އަދާކުރަން ދިރިއުޅޭ ދިވެހިންގެ އަދަދު ނުހަނު މަދުވުމާ އެކުގައިވެސް، މި އަހަރު ޙައްޖުވުމުގެ ފުރުޞަތު 6 ދިވެއްސަކަށް ދީފައިވުމެވެ. (ނޯޓު: އެހެންނަމަވެސް، ޙައްޖުވީ 5 ދިވެއްސެކެވެ.)
ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް އެތަކެއް މިލިއަން މުސްލިމުންނެއް ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަން އަދާކުރެއެވެ. އެހެންނަމަވެސް، މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވީ ގާތްގަނޑަކަށް 1200 (އެއްހާސް ދުއިސައްތަ) ވަރަކަށް މީހުންނެވެ. މިއީ ރަސްމީ އަދަދެއް ނޫނެވެ. އަޅުގަނޑުގެ އަންދާޒާ އަދަދެކެވެ. މި އަދަދު އަންދާޒާކުރީ ދެ ކަމަކަށް ބިނާކޮށެވެ.
ފުރަތަމަ ކަމަކީ ޙައްޖުވެރިން އުފުލަން ބޭނުންކުރި ބަހުގެ އަދަދެވެ. މައްކާގެ ހޮޓާ ކައިރީގައި އާއި ، މިނާގެ ހޮޓާތައް ކައިރީގައާއި ، ޢަރަފާތު ފަރުބަދަ ކައިރީގައި ހުރިހާ ޙައްޖުވެރިން އުފުލަން ބޭނުންކުރީ 1 ން 60 ށް ނަންބަރު ޖަހާފައިވާ 60 ބަސް އެކަންޏެވެ. އެއިން ކޮންމެ ބަހެއްގައި ވެސް ތިބެނީ ގާތްގަނޑަކަށް 20 މީހުންނެވެ. ދެވަނަ ކަމަކީ ޠަވާފުލްޤުދޫމުގައި ބައިވެރިވި ޙައްޖުވެރިންގެ އަދަދެވެ. ޙައްޖުވެރިން ޠަވާފުލްޤުދޫމް ކުރަން ފަށައިގަތުމުގެ ކުރިން، ހުރިހާ ޙައްޖުވެރިން ވެސް ޠަވާފުކުރާ ތަނުގައި، ދަތުރުކުރި ބަހުގެ ނަންބަރު ތަރުތީބަށް ބަލާ އަންހެނުން ގެފުޅާ ކައިރީގައި ބޭތިއްބުމަށް އިސްކަންދީގެން، އަތުރައިލިއެވެ. އެ ވަގުތު އެ ތަނުގައި އެތަކެއް ހާސް މީހުން ނުތިބޭނެކަމީ، ޠަވާފުކުރިތަނުގެ ފޮޓޯއާއި ވީޑިއޯ ބަލައިލި ކޮންމެ މީހަކަށް ވެސް ޔަޤީންކުރެވޭނެ ކަމެކެވެ.
ބައެއް އޮންލައިން ނޫސްތަކުގައި، ސަޢުދީގެ ޙައްޖު އޮފިޝަލުންނާ ޙަވާލާދީ، މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި 10،000 މީހުން ބައިވެރިވާނެ ކަމަށް ބުނެފައި އޮތެވެ. އެހެންނަމަވެސް، ސަޢުދީގެ ޙައްޖު އޮފިޝަލުން ބުނެފައި އޮތީ، ދިހަހާސް މީހުންނެއް މި އަހަރަކު ޙައްޖެއް ނުވާނެ ކަމުގައެވެ. މި އަހަރު ޙައްޖުވާނީ 10،000 މީހުން ކަމަށް ބައެއް ނޫސްވެރިންނަށް ވިސްނުނީ އޮޅިގެންކަމަށް ބެލެވެއެވެ.
އެހެން އަހަރުތަކުގައި ޢާއްމު އުޞޫލުން ޙައްޖުވެވެނީ ފައިސާ ދައްކައިގެންނެވެ. ސަޢުދީގެ އެތެރެއިން ޙައްޖުވާ މީހުންވެސް އެންމެ އަގުހެޔޮ ޕެކޭޖަށްވެސް ދިވެހި ރުފިޔާގެ ގާތްގަނޑަކަށް 27 ވަރަކަށް ހާސް ރުފިޔާ ޙައްޖު ގުރޫޕުތަކަށް ދައްކަންޖެހެއެވެ. އެހެންނަމަވެސް، މި އަހަރުގެ ޙައްޖުގެ އަޅުކަމާ ގުޅޭ އެއްވެސް ކަމަކަށް އެއްވެސް ފައިސާއެއް ޙައްޖުވެރިން ޚަރަދުކުރާކަށް ނުޖެހުނެވެ.
އަޅުގަނޑު ޙައްޖަށް ދާން ގެއިން ނުކުތް ނުކުތުމުން ފެށިގެން، ޙައްޖުވެ އެނބުރި ގެޔަށް އައުމާއި ދެމެދު، އަޅުގަނޑުގެ ޖީބުން ޚަރަދުކުރަންޖެހުނީ ޙައްޖުވާން ފުލައިޓުގައި ޖިއްދާއަށް ދާންއުޅުނުއިރު، ގެއިން އެއާޕޯޓަށް ދާން ޚަރަދުވި 50 ރިޔާލް (ގާތްގަނޑަކަށް 200 ރުފިޔާ) އެކަންޏެވެ. އެ ގޮތުން، އަޅުގަނޑުމެން އުޅޭ ސަރަޙައްދުން ޖިއްދާއަށް ދެކޮޅު ޓިކެޓާއި، ޖިއްދާއާއި މައްކާއާ ދެމެދުގެ ދަތުރަށާއި، މައްކާގެ ހޮޓަލުގައި ތިބި ތިބުމަށާއި ކެއިން ބުއިމަށާއި ޙައްޖުގެ އަޅުކަމަށް ކުރި ދަތުރުތައްފަދަ ހުރިހާ ކަމަކަށް ޚަރަދުކުރީ ސަޢުދީ ސަރުކާރުންނެވެ. އަދި ޙައްޖުވެގެން އެނބުރި އައުމުން، އެއާޕޯޓުން ގެއަށް ގެންގޮސްދިނީ ވެސް ސަޢުދީގެ ހެލްތު މިނިސްޓްރީގެ ވޭނެއްގައެވެ.
ސަޢުދީ ސަރުކާރުން މި އަހަރު ޙައްޖަށް އަގެއް ނަގަން ނިންމިކަމުގައިވީނަމަވެސް، އަޅުގަނޑު އަތުން އެއްވެސް ޚަރަދެއް ކުރާކަށެއް ނުޖެހުނީހެވެ. ސަބަބަކީ، މި އަހަރު ޙައްޖުވުމުގެ ފުރުޞަތު ލިބޭ، ޤަޞީމް ޔުނިވާރސިޓީގެ ދަރިވަރުންނަށް ފައިސާ ދައްކައިދޭނެ ކަމަށް، ސަޢުދީގެ ހެޔޮއެދޭ ފަރާތަކުން އަޅުގަނޑުމެން ގާތު ބުނެފައިވާތީއެވެ.
(ނުނިމޭ)
ތ. ކަނޑޫދޫއަށް އުފަން އިސްމާޢީލް ރިޔާޟްއަކީ މިފަހަރުގެ ޙައްޖުގައި ބައިވެރިވުމުގެ ނަސީބު ލިބުނު މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ދިވެއްސެކެވެ. ރިޔާޟްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓިން 2011 ވަނަ އަހަރު ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީސް ފުރިިހަމަކުރުމަށްފަހު 2015 ވަނަ އަހަރު އަލް މަދީނާ ޔުނިވަރސިޓީން ފިގްހު އިލްމުން މާސްޓަރސް ހާސިލުކުރައްވާފައެވެ. އަދި މިވަގުތު ރިޔާޟް ގެންދަވަނީ ސަޢުދީ އަރަބިއްޔާގެ ޤަސީމް ޔުނިވަރސިޓީން ފިގްހު މުގާރަން އިން ޕީއެޗްޑީ އަށް ކިޔަވަމުންނެވެ.
ޢަލީ
ފުރިހަމަ ލިޔުމެއް