ރެއާލް މެޑްރިޑަށް މި ސީޒަނުގައި ހޯދުނު ނަތީޖާތަކާއި ކާމިޔާބީއާއެކު ހިތްހަމަޖެހޭ ކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
އޭނާ މިހެން ބުނީ ރޭ މެންޗެސްޓާ ސިޓީ އަތުން ބަލިވެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ކަޓައި ސީޒަން ނިމުމުންނެވެ.
މިއާއެކު މި ސީޒަނުގައި ރެއާލް އަށް ލިބުނު ހަމައެކަނި ތައްޓަކަށް ވެފައިވަނީ ސްޕެނިޝް ލީގެވެ.
"އަހަރުމެން މެޗާމެދު ހިތްހަމަނުޖެހޭ. އެއީ އަހަރުމެންވީ ބަލި. އަހަރުމެން މިވަނީ މުބާރާތުން ކަޓާފައި. އެކަމަކު އަހަރުމެންނަށް މި ސީޒަނުގައި ލިބުނު ކާމިޔާބީއާމެދު އަހަރުމެން ހިތްހަމަޖެހޭ،" ޒިދާން ބުންޏެވެ.
އޭނާ ބުނީ ސީޒަން ނިމުމުން އިތުރަށް ކުރާނެ ކަމެއްނެތް ކަމަށާއި ދެން ކުރަންވީ ކަމަކީ އަރާމުކޮށްފައި އަންނަ ސީޒަނަށް ތައްޔާރުވުން ކަމަށެވެ. އަދި ރެއާލްގެ ކޯޗުކަމުގައި ދެމިހުރުމާމެދު އޭނާ ބުނާނެ އެއްޗެއް ނެތް ކަމަށް ޒިދާން ބުންޏެވެ.
"އާދައިގެ މަތިން ބަދަލެއް ނާންނަނަމަ ރެއާލްގެ ކޯޗަކީ އަހަރެން. އިތުރަށް އަހަރެންގެ ކުރިމަގާމެދު ބުނާނެ އެއްޗެއްނެތް،" މީގެ ކުރިން ޖެހިޖެހިގެން ތިން ފަހަރު ރެއާލް އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ ކޯޗު ބުންޏެވެ.
ރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގައި ޒިދާން ކޯޗެއްގެ ގޮތުގައި ބަލިވި ފުރަތަމަ ފަހަރެވެ.