ކުޅިވަރު

ބަލިވުމުގެ ޒިންމާ ނަގާނީ އަހަރެން، މައާފަށް އެދެން: ރަފައެލް ވަރާން


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ރެއާލް މެޑްރިޑް ކެޓުމުގެ ޒިންމާ ނަގާނީ އޭނާ ކަމަށް ޑިފެންޑަރު ރަފައެލް ވަރާން ބުނެފިއެވެ.

ފްރާންސްގެ ޑިފެންޑަރު މިހެން ބުނީ ރެއާލް ކޮޅަށް މެންޗެސްޓާ ސިޓީގެ ދެ ގޯލު ވެސް ޖެހީ އޭނާ އަށް ހެދުނު ބޮޑު ދެ މިސްޓޭކުން ކަމަށްވުމުންނެވެ.

"ބަލިވީ އަހަރެންގެ ސަބަބުން. އަހަރެން އެކަން ގަބޫލުކުރަން. އަހަރެން މިކަމުގެ ޒިންމާ ނަގަންޖެހޭ. އަހަރުމެން މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވުން. އެކަމަކު މެޗުގެ ކުރީކޮޅު ގޯސްތަކެއް ހެދިގެން ބަލިވެގެން މިދިޔައީ. އަހަރެންގެ ޓީމުގެ ކުޅުންތެރިން ދެރަވެފައިތިބުމުން އަހަރެން ހިތާމަކުރަން،" މެޗަށް ފަހު ވަރާނޭ ބުންޏެވެ.

އޭނާ ބުނީ މެޗުން ބަލިވި އެންމެ ބޮޑު ސަބަބަކީ ވެސް މެޗުގެ ކުރީކޮޅު ހެދި ގޯސްތައް ކަމަށެވެ.

"އަހަރެންގެ މުޅި މެޗު ގޯހެއްނޫން. އެކަމަކު މެޗުގެ ކުރީކޮޅު އަހަރުމެންނަށް މާބޮޑަށް ގިނަ މިސްޓޭކް ހެދުނީ. ނަމަވެސް އަހަރެންގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން އަހަންނަށް ލިބޭ ހިތްވަރަށް އަހަރެން އުފާކުރަން. އަހަރެންގެ ކެރިއަރުގައި މިފަދަ ކަންކަން މާގިނައިން ވެފައެއްނުވޭ. ދަނޑުމަތީގައި ފަރުޥާތެރިވާންޖެހޭ ކަންތައްތަކެއް ހުރޭ. އެކަންކަން ނުވާނަމަ ބަލިވާނެ،" ވަރާން ބުންޏެވެ.

ރޭގެ މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އިނީ ބެންޗުގައެވެ. އެއީ ސަސްޕެންޑްކޮށްފައިވާތީއެވެ.