ޚަބަރު

ރާއްޖޭގެ ހާހަކަށްވުރެ ގިނަ ޙައްޖާޖީން މައްކާގައި


ރާއްޖޭން މިހާތަނަށް ހާހަކަށްވުރެ ގިނަ ޙައްޖާޖީން މައްކާއަށް ހިނގައްޖެއެވެ. މިއަދު ހެނދުނު މައްކާއަށް ދިޔަ މީހުން ފިޔަވާ ދެން ތިބި ޙައްޖާޖީންގެ ޢުމްރާގެ ކަންތައްތައްވެސް މިހާރު ވަނީ ނިމިފައެވެ.މައްކާގައި މިވަގުތު ހުރި ޕީއެސްއެމްގެ ސީނިއަރ އެޑިޓަރ މޫސާ ވަސީމް މަޢްލޫމާތު ދިން ގޮތުގައި  ޙައްޖު ކޯޕަރޭޝަންގެ ހަތަރުވަނަ ފްލައިޓުން ޖުމްލަ ތިން ސަތޭކަ ޙައްޖާޖީން މިއަދު ދިޔައެވެ. މިއާއި އެކު ޖުމްލަ އެއްހާސް ދުއިސައްތަ ހަތަރު ހައްޖުވެރިން މިވަގުތުތިބީ މައްކާގައެވެ. ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ދިޔަ ޙައްޖާޖީންގެ އިތުރުން އެހެނިހެން ގުރޫޕްތަކުގެ ޙައްޖާޖީންވެސް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ މައްކާއަށް ދާނެއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ މީހުންގެ ކަންތައްތަކުގައި އެހީތެރިވުމަށް މި މަހުގެ އަށާވީހުން ފެށިގެން ދިވެހި ޙައްޖު މިޝަންގެ ފަރާތުން ޖިއްދާގައި ހަރަކާތެރިވަމުންދާ ކަމަށް މިޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވިއެވެ. "އަޅުގަނޑުމެން އައިއްސުރެފަށައިގެން ޙައްޖުވެރިންގެ ކަންކަން ބެލުމަށް ޖިއްދާ އެއަރޕޯޓްގައި މިޝަންގެ ޓީމެއް ދާނީ ޙަރަކާތެރިވަމުން. މި މަހުގެ އަށާވީހުން ފެށިގެން ޖިއްދާ އެއަރޕޯޓްގައި މި ޓީމުން މިކަން އެންމެ ރަނގަޅުގޮތުގައި ކުރިޔަށް ގެންދިއުމަށް އެތަނުގައި ޤާއިމްވެ މިކަން ކުރަމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން." ޢަލީ ވަޙީދު ވިދާޅުވިއެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށް އަންނަ މީހުންތެރެއިން ބާކީ ތިބޭނީ ސަތޭކައެއްހާ މީހުން ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. އަދި މިވަގުތު މައްކާގައި ތިބި ހުރިހާ ދިވެހިންގެ ޙާލު ރަނގަޅު ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސް ވިދާޅުވިއެވެ."އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ހުރިހާ ހައްޖުވެރިންގެ ޙާލު ރަނގަޅު. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ރޯގާގެ ކަންތައް އެބައުޅޭ އަޅުގަނޑުމެން މިދަނީ މިކަން ވަރަށް ރަނގަޅަށް ބަލަމުން.  އަޅުގަނޑުމެންގެ ސިއްހީ ޓީމުން ދަނީ ފަރުވާވެސް ދެމުން." ޔާމީން އިދްރީސް ވިދާޅުވިއެވެ.