ޚަބަރު

ފްލޫ ކްލިނިކުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފި


މާލެހިޔާ 2ގެ ފުރަގަހުން އޮތް ބިމުގައި ހަދާފައިވާ ފްލޫ ކްލިނިކުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސް ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ.

ކޯވިޑް-19އާއި ގުޅިގެން ޤާއިމްކުރި އެ ފްލޫ ކްލިނިކުގެ ޚިދުމަތް ދެން ދެމުން ގެންދާނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ފެށިގެން ރޭގަނޑު 11:00ށް ލިބޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މި ކްލިނިކުން ދިވެހިންނާއި ބިދޭސީންނަށް ޚިދުމަތް ދޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އެހެންކަމުން ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއްނަމަ ހޮސްޕިޓަލްތަކަށް ދިޔުމުގެ ބަދަލުގައި ފުލޫ ކްލިނިކަށް ދެއްކުމަށް އައިޖީއެމްއެޗުން އިލްތިމާސްކުރެއެވެ.

ކޯވިޑް-19އާއި ގުޅިގެން ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބަލިމީހުން ވެއްދުމުގައި ޚާއްސަ ގައިޑްލައިންތަކެއް އެކުލަވާލައި އަންނަނީ އަމަލުކުރަމުންނެވެ. އެގޮތުން ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ވަނުމުގެ ކުރިން ހުން ޓެސްޓުކުރުމާއި ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއް ހުރިތޯ އަންނަނީ ބަލައި ޗެކުކުރަމުންނެވެ. އަދި ހުމާއި ރޯގާ ހުންނަ ފަރާތްތަކުން ހޮސްޕިޓަލްތަކަށް ދިޔުމުގެ ބަދަލުގައި މާލެ އާއި އަތޮޅުތެރޭގައި ހުންނަ ފްލޫއަށް ޚާއްސަ ކްލިނިކްތަކަށް ދެއްކުމަށް އަންނަނީ އިލްތިމާސް ކުރައްވަމުންނެވެ. އެގޮތުން މާލޭއާއި ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ފްލޫކްލިނިކްތަކުން އަންނަނީ ޚިދުމަތް ދެމުންނެވެ.