ކުޅިވަރު

މޮރީނިއޯއަށް ދިމާވާ މައްސަލައަކީ ކުޅުންތެރިން ބާރުގަދަވުން


ފުޓްބޯޅައިގައި ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯއަށް މިހާރު ދިމާވަމުން އަންނަ މައްސަލައަކީ ކުޅުންތެރިން ބާރުގަދަވުން ކަމަށް އޭނާއާއެކު ކުރިން މަސައްކަތްކުރި ޑިފެންޑަރު ރިކާޑޯ ކަވަޅޯ ބުނެފިއެވެ.

ރެއާލް މެޑްރިޑާއި ޗެލްސީއަށް މޮރީނިއޯގެ ދަށުން ކުޅުނު ޑިފެންޑަރު ބުނީ މޮރީނިއޯގެ ކޮލިޓި ނުގެއްލޭ ކަމަށާއި ނަމަވެސް ކޯޗިންގައި ކުރިއަށް ދިއުމަށް މޮރީނިއޯ މިހާރު ބައެއްކަންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ ކުޅުންތެރިން ބާރުގަދަވެއްޖެކަން ކަމަށެވެ.

ކަވަޅޯ އޭނާގެ ކުރީގެ ކޯޗާ ބެހޭ ގޮތުން ވާހަކަ ދެއްކީ ޓޮޓެންހަމުގެ ކޯޗުކަމާ ހަވާލުވެގެން އޭނާއަށް ކާމިޔާބު ނުހޯދޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީއެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ކުޅުންތެރިން ވެސް މޮރީނިއޯއާ މެދު އިތުބާރު އޮންނަންޖެހޭ ކަމަށާއި ކޯޗެއްގެ ގޮތުގައި މޮރީނިއޯ އަކީ މޮޅު އަދި ނަތީޖާ ނެރެދޭނެ ކޯޗެއް ކަމަށެވެ.

މޮރީނިއޯ ކޯޗަކޮށްދެމުން އަންނަ ޓޮޓެންހަމް މި ސީޒަން ނިންމާލާފައިވަނީ ހުސްއަތާއެވެ. އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގު ނިމުން އިރު އެޓީމު އޮތީ ތާވަލްގެ ހަ ވަނައިގައެވެ. އެހެންކަމުން އަންނަ ސީޒަންގެ ޔުއެފާ ޔޫރޮޕާ ލީގުން ޓޮޓެންހަމަށް ވަނީ ޖާގަ ލިބިފައެވެ.