ކޯވިޑް19އާ ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް މިހާތަނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ހަމަޖައްސާދީފައިވާކަމަށް އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއިން ހާމަކޮށްފިއެވެ.
އެސްޑީއެފްސީން މަޢުލޫމާތުދޭ ގޮތުގައި ކޯވިޑް19 ވިޔަފާރި އެހީގެ ދަށުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން 1760 ފަރާތަކަށް 306.7 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ބުނެއެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިއާއި މެދު ފަންތީގެ 1239 ވިޔަފާރިއަކަށް ދޫކޮށްފައިވާ 291.2 މިލިއަން ރުފިޔާއާއި އަމިއްލަ މަސައްކަތްކުރާ 521 ފަރާތަކަށް ދޫކުރި 15.5 މިލިއަން ރުފިޔާ ހިމެނެއެވެ.
ކޯވިޑް19 ވިޔަފާރި އެހީގެ ދަށުން ކަނބަލުން ހިންގާ ވިޔަފާރިތަކަށްވެސް އެސްޑީއެފްސީން ދަނީ ލޯނު ދޫކުރަމުންނެވެ. އެގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށްވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފައެވެ. އެގޮތުން މިހާތަނަށް 462 ފަރާތަކަށް 98.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި އަމިއްލަ މަސައްކަތްކުރާ 86 ކަނބަލަކަށް ހަމަޖައްސާފައިވާ 2.5 މިލިއަން ރުފިޔާއާއި، ވިޔަފާރި ހިންގާ 376 ކަނބަލަކަށް ދޫކޮށްފައިވާ 95.8 މިލިއަން ރުފިޔާ ހިމެނެއެވެ.
ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކުގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޙާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ. އެސްއެމްއީ ބޭންކް މެދުވެރިކޮށް އަންހެނުންނަށް ޙާއްސަ އިސްކަމެއްދީގެން ލޯނު ދޫކުރާއިރު ޒުވާނުންނާއި، އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ޙާއްސަ އިސްކަމެއްދީގެން އަންނަނީ ލޯނު ދޫކުރަމުންނެވެ.