ކުޅިވަރު

އެޓަލާންޓާގެ މުޅި ސްކޮޑަށްވުރެ ނޭމާގެ މުސާރަ ބޮޑު


އިޓަލީގެ އެޓަލާންޓާގެ ހުރިހާ ކުޅުންތެރިންނަށްވުރެ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވަޑް ނޭމާ ސަންޓޯސްގެ މުސާރަ ބޮޑު ކަމަށްބުނެ މީޑިއާތަކުން އަޅާކިޔަން ފަށައިފިއެވެ.

މި ގޮތަށް ކަންތައްތައް ކުރަން ފެށީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމު ވާދަކުރަން ޖެހުމުންނެވެ. މާދަމާ ރޭ ކުޅޭ މެޗާ ގުޅުވައިގެން އެންމެ ބޮޑަށް ދައްކަމުންދަނީ ދެ ޓީމުގެ ކުޅުންތެރިންގެ މުސާރައިގެ ތަފާތު ވާހަކަތަކެވެ.

ނޭމާ އަށް އަހަރަކު މުސާރައަށް 36 މިލިއަން ޔޫރޯ ލިބެއެވެ. އެޓަލާންޓާގެ ހުރިހާ ކުޅުންތެރިންގެ މުސާރަ އެއްކޮށްލުމުން އަރަނީ 30 މިލިއަން ޔޫރޯއެވެ.
މި ޓީމުގެ އެންމެ ބޮޑު މުސާރަބޮޑު ކުޅުންތެރިންނަކީ ކެޕްޓަން އަލެހެންދްރޯ ޕާޕޫ އާއި ދުވާން ޒަޕާޓާ އާއި ލުއިސް މުރިއަލްއެވެ. މި ކުޅުންތެރިންނަށް 1.2 މިލިއަން ޔޫރޯ މުސާރައަށް ލިބޭއިރު ބޯނަސްއާއެކު ޖުމަލަ ލިބެނީ 1.8 މިލިއަން ޔޫރޯ އެވެ.

ޕީއެސްޖީގެ އެހެން ކުޅުންތެރިންނަށް ބަލާއިރު ފްރާންސްގެ ފޯވަޑް ކޭލިއަން އެމްބާޕޭއަށް 18 މިލިއަން ޔޫރޯ މުސާރައަށް ލިބޭއިރު ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އަށް އަހަރަކު 11 މިލިއަން ޔޫރޯ ލިބެއެވެ.