ކުޅިވަރު

އަންނަ ސީޒަނުގައި ވެލެންސިއާގެ ކޯޗަކަށް އާތިފް ހަމަޖައްސަނީ


ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާ ކުލަބު ވެލެންސިއާގެ ކޯޗުކަން މުހައްމަދު އާތިފް (އާތީ) އަށް ދިނުމަށް މަޝްވަރާކުރަން ފަށައިފިއެވެ.

އާތިފް އަކީ މީގެ ކުރިން ވިކްޓަރީ އާއި އޭވައިލްގައި ފުރަތަމަ ޑިވިޝަނުން ފެނިފައިވާ ކޯޗެވެ. ނަމަވެސް އޭނާ ބޮޑަށް ފާހަގެވފައިވަނީ ގައުމީ އަންހެން ޓީމުގެ ކޯޗެއްގެ ގޮތުގައެވެ.

އާތީ އެންމެ ފަހުން އިރުޝާދު ދިނީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބަށެވެ. އެކަމަކު ޓީސީއަށް ކުރިމަތިވި މާލީ ހާލަތާއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާތީ ވަނީ އެ ކުލަބުން އިސްތިއުފާ ދީފައެވެ.

ވެލެންސިއާއިން ކޯޗަކު ރަސްމީކޮށް ހަމަނުޖެއްސި ނަމަވެސް ކުޅުންތެރިން ހޯދުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން ޒުވާން ކުޅުންތެރިންނާއި ކުރިން އެ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނާ ވެސް ވެލެންސިއާއިންދަނީ މަޝްވަރާކުރަމުންނެވެ.

އަންނަ ސީޒަނަށް ވެލެންސިއާ ތައްޔާރުވާއިރު އެ ޓީމު އަލުން ފުރަތަމަ ޑިވިޝަނުގައި މިކުޅެނީ އެއް ސީޒަނުގެ މެދުކެނޑުމަކަށްފަހުއެވެ. އެއީ 2018 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުގެ ސަބަބުންނެވެ. އަލުން ވެލެންސިއާ ޕްރެމިއާ ލީގުން ފުރުސަތު ހޯދީ މި އަހަރުކުރީކޮޅު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.