ކުޅިވަރު

ވަރލްޑް ކަޕް ކޮލިފައިން މެޗުތައް އަންނަ އަހަރަށް ފަސްކޮށްފި


ކޯވިޑް-19 އާއި ގުޅިގެން ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް އަންނަ އަހަރަށް ފަސްކުރަން ފީފާއިން ނިންމައިއެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މިއަދު ބުނެފައިވަނީ އޭޝިޔާގައި ކޯވިޑްގެ ނުރައްކާތެރިކަން އޮތުމުން އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ކުޅެން ހަމަޖައްސާފައިވާ މެޗުތައް މިހާރު ކުޅެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގައި ކަމަށެވެ. މިހެންވެ އެ ގޮތަށް ނިންމުމަށް މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އަދި އޭޝިޔާގެ ކޯވިޑްގެ ހާލަތު ގާތުން ބަލައި މެޗުތައް ކުޅޭނެ އާ ތާރީހެއް ހަމަޖައްސާނެ ކަމަށެވެ.

މި ގޮތަށް ފީފާއިން ނިންމާފައިވާއިރު ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ފުޓްބޯޅަ ޓީމު ވަނީ ފަރިތަކުރުންތައްވެސް ފަށާފައެވެ. ނަމަވެސް ކޯވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވުމުން މިވަގުތަށް ވަނީ ޕްރެކްޓިސްތައް މެދުކަނޑައިލައިފައެވެ. ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއަށް ބާކީ އަދި ތިން މެޗު އެބައޮތެވެ. އެއީ ފިލިޕީންސާއި ގުއާމާއި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.

މި މެޗުތައް ކުޅެން އެންމެ ފުރަތަމަ ނިންމާފައިވަނީ މި އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް ނޮވެމްބަރަށް ފަސްކުރީވެސް ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވުމުންނެވެ.