މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ ދެވަނަ ހާފްގައި ޕީއެސްޖީގެ ފްރާސްގެ ތަރި ކީލިއަން އެންބާޕޭ ކުޅެން ނުކުތް ހިސާބުން ކަމަށް އެޓަލަންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގެސްޕަރީނީ ބުނެފިއެވެ.
ފަހުވަގުތުގައި ޕީއެސްޖީ ޖެހި ދެލަނޑާއެކު މުބާރާތުން ވަކިވާން ޖެހުނު އެޓަލަންޓާގެ ކޯޗު ބުނީ މެޗުގެ ހުރިހާ ކަމެއްވެސް ބަދަލުވެގެން ދިޔައީ އެމްބާޕޭ ކުޅެން ނުކުތުމުން ކަމަށާއި، އޭގެކުރިން ލަނޑެއް ނުޖެހުމުން ޕީއެސްޖީ ކުޅުންތެރިންތިބީ މާޔޫސްވެފަކަމަށެވެ. އެމްބާޕޭ ކުޅެންނުކުތުމާއެކު ޕީއެސްޖީއަށް ހިތްވަރުއާވެ އިތުރަށް އެޓަލަންޓާއަށް ޕްރެޝަރާ ކުރިމަތިލާން ޖެހުނުކަމަށް ގެސްޕަރީނީ ބުންޏެވެ.
އޭނާ ބުނީ މުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭތޯ އެޓަލަންޓާއިން ވަރަށް ގާތްކުރިކަމަށެވެ. އެހެންނަމަވެސް މީއީ ކާމިޔާބެއްކަމަށް ކޯޗު ވަނީ ސިފަކޮށްފައެވެ. ގެސްޕަރީނީ ބުނީ އުންމީދު ހާސިލްނުވުމުން މާޔޫސްވާކަމަށެވެ. އަދި މިވަގުތު އެންމެ މޮޅު ދެކުޅުންތެރިންނާ ދެކޮޅަށް އެޓަލަންޓާގެ ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސްދޭކަމަށެވެ.
އޭނާ ބުނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދުނުނަމަ އެވާނީ އެޓީމަށް ހާސިލްކުރެވުނު އިތުރު ކާމިޔާބަކަށް ކަމަށެވެ. އަދި އަންނަ ސީޒަންގައި ޓީމުގެ ފަރާތުން މިއަށްވުރެ ރަނގަޅު ކުޅުމެއް ފެންނާނެކަމަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ވާދަކުރި އެޓަލަންޓާގެ ކޯޗު ބުންޏެވެ.