ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް އެނގޭގޮތަށް ޢާއްމުކުރުމަށް ދައުލަތުގެ ހުރިހާ އިދާރާއަކަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގަވައިފިއެވެ.
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ ހުރިހާ އިދާރާއަކަށް ފޮނުވި ޢާއްމު ސިޓީއެއްގައި ވިދާޅުވީ ފަހަކަށްއައިސް މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް ބައެއް އިދާރާތަކަށް ހުށައަޅަމުން އަންނަކަން ފާހަގަކުރެވޭކަމަށެވެ. އަދި މިއީ ޤާނޫނީގޮތުން ހާމަކަންބޮޑުގޮތެއްގައި ޢާއްމުކުރަންޖެހޭ މަޢުލޫމާތުތަކެއްކަން މިސިޓީގައިވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ދައުލަތުގެ ހުރިހާ އިދާރާއަކުންވެސް އެއިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ވަކިވަކިން އެނގޭނެހެން އެއިދާރާއެއްގެ ވެބްސައިޓުގައި ޢާއްމުކުރުމަށް ވަނީ އަންގަވާފައެވެ.
އައިކޮމްއިން ފޮނުވި ސިޓީއެއްގައި ވިދާޅުވީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އެއިދާރާއެއްގެ ހުރިހާ މުވައްޒަފުންނަށް ވަކިވަކިންދެވޭ އުޖޫރައާއި ޢިނާޔަތްތައް އަހަރަކު އެއްފަހަރު ޢާއްމުކުރަންޖެހެއެވެ. އަދި މިޤާނޫނުގެ ދަށުން އެއިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން އަހަރެއްގެ ތެރޭގައި އެއްފަހަރަށްވުރެ ގިނައިންވެސް މިމަޢުލޫމާތު ހާމަކުރެވޭނެކަމަށް މިސިޓީގައިވެއެވެ.
ރާއްޖޭގެ ޢާއްމު މަސްލަހަތަށްޓަކައި މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގު ނަގަހައްޓާ ދައުލަތުގެ މުވައްސަސާތަކުގެ ހިންގުން ހުޅުވާލެވިފައިވާ ގޮތެއްގެ މަތިން ހިންގަމުންދޭތޯ ބަލާ އެކަމަށް ބާރުއެޅުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ޤާނޫނީގޮތުން މަތިކޮށްފައިވާ ޒިންމާއެކެވެ.