އެކި ތަކެތި ބަންދުކޮށްފައި ހުންނަ ކާޑު ބޯޑު ފޮށިތަކަކީ ވިޔަފާރިތަކާއި އާންމުންވެސް އެއަށް މާބޮޑު ސަމާލުކަމެއް ދޭ އެއްޗެއް ނޫނެވެ. ކުދި ބޮޑެތި ކާޑު ބޯޑު ފޮށިތަކުގައި ހުންނަ ތަކެތި ނެގުމަށްފަހު ކޮންމެ މީހަކުވެސް ބަލަނީ އޭތި އެއްލާލެވޭތޯއެވެ. ނަމަވެސް މިފަދަ ކާޑު ބޯޑު ފޮށި ރީސައިކަލް ކޮށްގެން ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުން ފައިސާ ހޯދައެވެ. ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި މިވިޔަފާރީގެ ތެރެއަށް ގިނަ ގޭންގުތައްވަދެ ދަނީ ފުޅާ ދާއިރާއެއްގައި ވަގު ވިޔަފާރިކުރަމުންނެވެ. މެޑްރިޑްގެ ވިޔަފާރިތަކާއި އާންމުން ރީސައިކަލްކުރަން އެއްލާލާ ކާޑު ބޯޑުތައް، ރީސައިކަލް ބިންތަކުން ވަގަށް ނަގައިގެން ވެރިރަށުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުން ދަނީ އެތައް މިލިއަން ފައިސާއެއް ހޯދަމުންނެވެ.
މީގެ ސަބަބުން ސްޕެއިންގައި ކާޑު ބޯޑު ރީސައިކަލް ކުރާ ކުންފުނިތަކާއި މެޑްރިޑް ސިޓީ އަދި ސިޓީގެ ކަމާބެހޭ އިދާރާތަކަށް މިފަދަ ފޮށިތައް ރީސައިކަލްކޮށްގެން ލިބޭ ފައިސާއިން އެތައް މިލިއަނެއް ގެއްލޭކަމަށް ސްޕެއިންގެ ނޭޗަރ ޕްރޮޓެކްޝަން ސާރވިސް، ސެޕްރޯނާ އޮފް ދަ ސްޕެނިޝް ގާޑިއާ ސިވިލް ޕޮލިސް ފޯސްއިން މައުލޫމަތުދެއެވެ. ސެޕްރޯނާއިން ބުނީ ސްޕެއިންގެ ވެރިރަށް މެޑްރިޑުގެ 18 ސަރަހައްދެއްގައި ކާޑު ބޯޑުގެ ވަގު ވިޔަފާރިކުރާ ގިނަ ގޭންގުތައް ހަރަކާތްތެރިވާކަމަށެވެ. މިފަދަ ގޭންގުތަކުން އޮންނަނީ އެކި ސަރަހައްދުތައް އެކި ގޭންގުތަކަށް އެއްބަސްވެ ބަހާލަފައެވެ. އަދި މިގޭންގުތަކުން ކާޑު ބޯޑު ރީސައިކަލް ކުރާ ޑަސްބިންތަކުން އެވަގަށް ނަގައެވެ.
މެޑްރިޑުގައި ކާޑުބޯޑުގެ ވަގު ވިޔަފާރި ކުރާ ގޭންގުތަކުގެ މެންބަރުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނައުމަށް ސެޕްރާނޯއިން އެކި އިދާރާތައް ގުޅިގެން މިއަހަރުގެ ފެބުރުއަރީ މަހު ހިންގި އޮޕަރޭޝަނެއްގައި 42 ފަރާތެއް ހައްޔަރުކޮށްފައިވެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުން ފެށިގެން 67 ހާސް ޓަނުގެ ކާޑު ބޯޑު ވަގަށް ނަގާ، ކަނޑުމަގުން ބޭރަށް ފޮނުވާފައިވާފައިވާ ކަމުގެ ތުހުމަތުގައެވެ. ސެޕްރާނޯއިން ބުނީ މިއޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން ވަގު ވިޔަފާރީގެ ޒަރިއްޔާއިން 11.8 މިލިއަން ޑޮލަރު ކޮންމެ އަހަރަކު ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭކަމަށެވެ. އަދި މިމީހުންގެ މިވިޔަފާރީގެ ސަބަބުން މެޑްރިޑްގެ ސިޓީ ކައުންސިލަށް ރީސައިކްލިން ރެވެނިއުގެ ގޮތުގައި ލިބެންޖެހޭ 16 މިލިއަން ޔޫރޯ ގެއްލިފައިވާކަމަށެވެ.
މިފަދަ މައްސަލަތައް ތަހުޤީޤުކުރާ ސްޕެއިންގެ އިދާރާތަކުން ބުނާގޮތުގައި މިގޮތަށް ސްޕެއިންއިން ވަގަށް ބޭރުކުރާ ކާޑު ބޯޑުތައް އާންމުކޮށް އެކްސްޕޯޓުކުރަނީ ދެކުނު އޭޝިއާއަށެވެ. އަދި މިކަން ކުރުމަށް ހަރަކާތްތެރިވާ ގޭންގުތަކުން މިކަން ކުރަނީ ރަސްމީ ކުންފުނިތައް ރަޖިސްޓަރ ކޮށްގެންނެވެ. ސެޕްރާނޯއިން ބުނީ މިގޮތަށް އުފައްދާފައި ހުންނަ ކުންފުނިތަކުން ސައްހަ ގޮތުގައި ކާޑު ބޯޑުގެ ވިޔަފާރި މަދުމަދުން ކުރާކަމަށެވެ. އަދި މިފަދަ ކުންފުނިތަކުން އަސްލު ކުރާ ވިޔަފާރީގެ ފުރަގަހުގައި އެތައް މިލިއަން ޔޫރޯއެއްގެ ކާޑު ބޯޑުގެ ވަގު ވިޔަފާރި ކުރާކަމަށެވެ. އަދި މިކަމާ ގުޅިގެން އެމީހުން ކުރާ ވަގު ވިޔަފާރިތައް ސާބިތުކުރުމަށް ދަތިވާކަމަށެވެ. ނަމަވެސް މިކަން ހުއްޓުވުމަށް ސްޕެއިންގެ އެކި އިދާރާތަކުން ދަނީ ކެނޑި ނޭޅި އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ.
ކާޑު ބޯޑުގެ ވަގު ވިޔަފާރިއަކީ ހަމައެކަނި ސްޕެއިންގައި ހިނގާ ކަމެއް ނޫނެވެ. ބައިނަލްއަޤްވާމީ މާހިރުން މައުލޫމާތުދޭ ގޮތުގައި ކާޑު ބޯޑުގެ ވަގު ވިޔަފާރިއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ޤައުމުތަކުގައިވެސް ބޮޑު ވިޔަފާރިއެކެވެ.
ކާޑު ބޯޑު ރީސައިކަލްކުރުމުގެ ވިޔަފާރި ދުނިޔޭގައި ދުވަހުން ދުވަހަށް ދަނީ ބޮޑު ވަމުންނެވެ. އަދި މިކަން އިތުރުވަނީ އޮންލައިން ވިޔަފާރި ފުޅާ ވާތީއެވެ. ދުނިޔޭގެ ފެންވަރުގައި ޤައުމުތަކުން ސައްހަ ގޮތުގައި ކާޑު ބޯޑު އަދި އެކި ކަހަލަ ކަރުދާސް ރީސައިކަލްކޮށްގެން ލިބޭ ނަފާ 2024 ވަނަ އަހަރުގެ ނިޔަލަށް 5.4 ބިލިއަން ޑޮލަރަށް އަރާނެކަމަށް މާހިރުން ލަފާކުރެއެވެ. ނަމަވެސް މީގެ ވަގު ވިޔަފާރި މިހާރު ފުޅާ ވަމުންދާ މިންވަރަށް ބަލާނަމަ ސައްހަ ކުންފުނިތަކާއި ޤައުމުތަކުގެ އިދާރާތަކަށް މިކަމުން ލިބޭ ފައިދާ ކުޑަވާނެކަމަށް މާހިރުން ބުނެއެވެ.