ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށްދާން ލިޔޯން އަތުން މޮޅެއް ހޯދުމަށް ސިޓީ މަސައްކަތް ކުރިކަމަށާއި ކުރެވުނު މަސައްކަތުން ނުފުދުނު ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ރޭ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީގެ މައްޗަށް ފްރާންސްގެ ލިޔޯން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ފުރަތަމަ ހާފް އެޓީމަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ދެވަނަ ހާފްގައި ތަފާތު ދެއްކުނު ކަމަށެވެ. ގާޑިއޯލާ ބުނީ މެޗުގައި އެންމެ ބޮޑު މައްސަލައަކަށްވީ ބޯޅަ ކުޅުންތެރިން ދިނުމާއި ހަމަލާތައް އުފެއްދުމުގައިކަމަށެވެ. އޭނާ ބުނީ ތިން އަހަރު ކުއާޓާ ފައިނަލާއި ހިސާބުން މުބާރާތުން ވަކިވާން ޖެހުނަސް ކުރިމަގުގައި އެކަން ބަދަލުކުރަން ބޭނުންވާކަމަށެވެ. ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މުބާރާތުގެ ސެމީ ފައިނަލުން އަދި ސިޓީ ޖާގަ ހޯދާނެކަމަށާއި އެކަން ކުރުމަށް ކުރިޔަށް ހުރި މުބާރާތްތަކުގައި ތައްޔާރުވާނެކަމަށެވެ.
ބާސެލޯނާއަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ބުނީ މެޗުގައި ސިޓީ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންތައްތަކެއް ފާހަގަކުރެވުނުކަމަށެވެ. އެހެންނަމަވެސް އެއީ މޮޅުވާން ބޭނުންވި ވަރެއް ނޫންކަމަށް ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީ މި ސީޒަނަކީ ސިޓީއަށް ރަނގަޅު ސީޒަނެއް ނޫންކަމަށާއި ޗުއްޓީއަށް ފަހު ނޫނީ އަންނަ ސީޒަނާ ދޭތެރޭގައި ވިސްނަން ބޭނުންނުވާކަމަށް ވޭތުވެދިޔަ ތިން ސީޒަނުގައި ސިޓީ އެކު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރި ކޯޗު ބުންޏެވެ.