ޚަބަރު

ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރަނީ


ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ކޯވިޑް-19 ކޮމްޕްލަޔަންސް އޮޑިޓްރިޕޯޓުގައި ކަންބޮޑުވާ ބައެއްކަންކަން ހުރިކަން ފާހަގަކުރެވިގެން އެރިޕޯޓުތައް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ ކޯވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަކުރެވޭތީ މާދަމާ ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ދެރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި ހެލްތް މިނިސްޓްރީގެ ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވާގޮތުން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފަައިވާއިރު އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ހުރިކަންވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ވެންޓިލޭޓަރު ގަތުމަށް ކުރިއަށް ގެންދިޔަ މުޢާމަލާތް ތަޙުގީގުކުރުމަށްވަނީ އޮޑިޓަރ ޖެނަރަލްވަނީ އަންގާފައެވެ.

ކޯވިޑް-19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާ ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ އެމިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫންކަމާއި، އެ ކަންކަން ކުރުމުގެ ޒިންމާ އާއި ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން، ކޯވިޑް-19އާ ގުޅިގެން ޖުމުލަ 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ %99 އަކީ އެމިނިސްޓްރީގެ މެންޓޭޑުން ބޭރުން ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ވިދާޅުވެފައެވެ.