މާލޭ ސްވިމިންގ ޓްރެކް ސަރަހައްދުގައި ޤާއިމްކުރާ ސިޑިބަރީގެ މަސައްކަތް އަންނަ ނޮވެމްބަރު މަހަށް ނިންމާލެވޭނެކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ސްވިމިން ޓްރެކް ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ މާޒިޔާ ކޮންސްޓްރަކްޝަނާއެެވެ. މި މަސައްކަތުގެ ދަށުން އެ ސަރަޙައްދުގައި ސިޑިބަރިއަކާއި ޗޭންޖިން ރޫމްތަކާއި ފާޚާނާ ބަރިއެއްގެ އިތުރުން ފެންވަރާނެ ތަންތަން ވެސް ހުންނާނެއެވެ. އަދި އެ ސަރަހައްދުގެ ބޮޑު ބައެއް ހިޔާކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހު މާޒިޔާ ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ، 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް ދިރާސާތަކެއް ކުރަން ޖެހުމާއި، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެ މަސައްކަތް ވަނީ ލަސްވެފައެވެ.
ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މާލޭ ފަތާ ޓްރެކް ސަރަހައްދުގައި އަޅާ އިމާރާތުގެ އީއައިއޭ ހެދުމަށާއި، ކޯވިޑް-19 ގެ ސަބަބުން މަސައްކަތް މަޑު ޖެހުމަށްފަހު މިހާރު ބާރު ސްޕީޑްގައި އެ މަސައްކަތް ކުރިޔަށްދާކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ސިޑި ބަރީގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ބޭނުންކުރަމުންދާ ސްވިމިންގ ޓްރެކްގައި ތަރައްޤީކުރާ ސިޑިބަރީގެ މަސައްކަތް ނިމި އެތަން ބޭނުން ކުރަން ފެށުމުން ޢާންމުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސިޑިބަރީގެ ދަށުގައި އަންހެނުންނަށާއި ފިރިހެނުންނަށް ވަކިން ފެންވެރޭނެ އިންތިޒާމާއި ކްލަބްތަކުން ބޭނުންކުރާ ސާމާނު ސިޑިބަރި ދަށުގައި ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް ސްވިމިންގ އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
ފަތާ ޓްރެކް ސަރަހައްދުގައި ސިޑިބަރީގެ މަސައްކަތް ކުރަމުންދާތީ ޤައުމީ ފަތާ ޓީމުގެ ފަރިތަކުރުންތައް މިހާރު ކުރިޔަށްގެންދަނީ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ހަދާފައިވާ ސްވިމިންގ ޕޫލްގައެވެ. ނަމަވެސް މި ޕޫލަކީ އޮލިމްޕިކް ސައިޒުގެ ޕޫލަކަށް ނުވާތީ މި ޕޫލްގައި މުބާރާތްތަކެއް ކުރިޔަކަށް ނުގެންދެވޭނެއެވެ. އެއީ ވޯމްއަޕް ޕޫލެއް ނެތުމުންނާއި މިތަނުގައި އޮތީ ފަސް ލޭން ކަމަށް ވުމުންނެވެ. މުބާރާތްތަކުގެ ކޮންމެ ހީޓެއްގައި އަށް ފެތުންތެރިން ވާދަކުރާނެތީ ފަސް ލޭނަކުން ނުފުދޭނެއެވެ. ނަމަވެސް ކުޑަކުދިންނަށް ޚާއްސަކޮށް މި ޕޫލްގައި މުބާރާތްތައް ބޭއްވޭނެކަމަށް ސްވިމިންގ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ޝާރިފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.