ޝިޕިން އެޖެންޓުންނާއި ފުރައިޓް ފޯވަޑަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މިހާތަނަށް 21 ފަރާތަކަށް ހުއްދަދީފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މަޖުލީހުގެ އިޤްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވިދާޅުވީ ޝިޕިން އެޖެންޓުން ރަޖިސްޓަރ ވުމަށް ހުޅުވާލި ފުރުސަތުގައި 112 ފަރާތެއް އެކަމަށް އެދުނުކަމަށެވެ. އަދި މީގެތެރެއިން 21 ފަރާތަކަށް މިހާތަނަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ރަކާތްތެރިވުމަށް ހުއްދަދީފައިވާކަމަށެވެ.
އާދިލް ވިދާޅުވީ ޝިޕިން އެޖެންޓުން ރަޖިސްޓަރކޮށްގެން، ލައިސަންސެއްގެ ދަށުން ނޫނީ ފުރައިޓް ފޯވަޑިން ހިދުމަތް ނުދެވޭނެ ގޮތަށް ޤަވާއިދެއްގެ ދަށުން ހެދީ ގިނަ ބައެއްގެ ޝަކުވާތަކެއް އެކަމާމެދު އޮތުމުން، އެކަންތައް ހައްލުކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ޝިޕިން އެޖެންޓް، ފުރައިޓް ފޯވަޑާޒްގެ 90 އިންސައްތަ ފަރާތްތަކަކީ ދިވެއްސެއްގެ ނަމުގައި ބޭރު މީހުން ހިންގާ ކުންފުނިތައްކަމަށެވެ. އަދި ޤަވާއިދު އެކުލަވާލުމުގެ ކުރިން ދިޔައީ ފުރައިޓް ފޯވަޑިންގެ ހިދުމަތް ދިނުމުގައި ގިނަ ފީތަކާއި، ބޮޑެތި އަގުތަކެއް ނަގަމުންކަމަށް އާދިލްވިދާޅުވިއެވެ.
ނަމަވެސް އާދިލް ވިދާޅުވީ އައު ޤަވާއިދުގެ ދަށުން މިމައްސަލަތައް ހައްލުވާނެކަމަށެވެ.
މަޖުލީހުގެ އިޤްތިސާދީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުން ބޭއްވީ ފުރައިޓް ފޯވާޑިން ވިޔަފާރިތަކުން ހިންގަމުންދާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ފޮނުއްވި ސިޓީއާ ގުޅިގެން، ކަމާ ބެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމަށެވެ. މިބައްދަލުވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކަސްޓަމްސް، ޓްރާންސްޕޯޓް އޮތޯރިޓީ، އިކޮނޮމިކް މިނިސްޓްރީ އަދި އެސްޓީއޯ ހާޒިރުކޮށްފައެވެ.
ކޮމިޓީގައި ބައްދަލުވުމަށް ހާޒިރުވި ފަރާތްތަކުން ވަނީ ފްރައިޓް ފޯވަޑިން ހިދުމަތް ދެމުންދިޔަ ފަރާތްތަކުން ގިނަ ފީތައް ވިޔަފާރިތަކުން ނަގާ މައްސަލައާއި، ހިދުމަތް ދިނުމުގައި ހުރި ވަސީލަތުގެ ދަތިތަކާއި، އެހެން ކަންކަމާބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްފައެވެ.
ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު މިދިޔަމަހުގެ 16ވަނަ ދުވަހު ގެޒެޓް ކުރުމާއި ގުޅިގެން މިގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދަށް ޢަމަލު ކުރަން ފަށާއިރު ޝިޕިން އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށްވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެގޮތުން އެމުއްދަތު ހަމަވާ ތާރީޚަކީ މިމަހުގެ 16ވަނަ ދުވަހެވެ. ނަމަވެސް އެމުއްދަތު ޓްރާންސްޕޯޓުން ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ..