ޚަބަރު

ބައެއް ރަށްތަކަށް އުދައަރަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި


ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާބެހެ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މިއަދު މާލެއަށާއި ބައެއް ރަށްތަކަށް އުދައަރައި ގެއްލުންވެފައިވާ ކަމުގެ މަޢުލޫމާތުވެސް ލިބިފައިވެއެވެ. އެގޮތުން މާލޭ ރާޅުގަނޑު ސަރަހައްދާއި ކާނިވާ ސަރަހައްދަށްވެސް ވަރަށް ބޮޑަށް އުދައަރާފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅޫވީ ރާއްޖޭގެ އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކަނޑުތައް މަޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ މޫސުން ޢާއްމު ގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވުނު ނަމަވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުން އެކަށީގެންވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.