އަނެއްކާވެސް އާސަންދައިގެ ދަށުން އިތުރު ގްރޫޕެއް އިންޑިއާއަށް ބޭސްފަރުވާއަށް ފުރައިފިއެވެ.
މިއީ ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ ޚާއްސަ ޙާލަތުގައި ބޭސްފުރުވައަށް ރާއްޖެއިން އިންޑިއާއަށްދިޔަ 5 ވަނަ ގްރޫޕެވެ.
އާސަންދައިން ވިދާޅުވީ މިބެޗު ފުރާފައިވަނީ މިއަދު ހަވީރު 16:15 އެހައިކަންހާއިރު ކަމަށެވެ. މިބެޗުގައި 18 ބަލިމީހުންނާއި 18 އެހީތެރިންގެ އިތުރުން 4 ސިއްޙީ އެހީތެރިން ފުރާފައިވާކަމަށް އާސަންދައިން ވިދާޅުވެއެވެ. މިމީހުންނަށް ފަރުވާކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައެވެ.
އާސަންދައިގެ ޚަރަދުގައި ބަލިމީހުންދިޔަ ފްލައިޓުގައި އެންސްޕާގެ ޚަރަދުގައި 3 އެހީތެރިންނާއި އަމިއްލަ ޚަރަދުގައި ޓިކެޓްނަގައިގެންދިޔަ 3 އެހީތެރިންވެސް ހިމެނޭކަމަށް އާސަންދައިން މަޢުލޫމާތުދެއްވައެވެ.
މިމީހުން ގޮވައިގެން ދިޔަ ފްލައިޓު އެނބުރި އަންނައިރު މިދަތުރުގައިދިޔަ 4 ސިއްޙީ އެހީތެރިންނާއެކު ކުރިން ފަރުވާއަށް ދިޔަ މީހުންގެ ތެރެއިން ފަރުވާގެ ކަންކަން ނިމިގެން އެނބުރި އަންނަންޖެހޭ މީހުން އަންނާނެކަމަށް އާސަންދައިން ވިދާޅުވެއެވެ. އެގޮތުން މިފްލައިޓުގައި ބަލިމީހުންގެ ގޮތުގައިދިޔަ 19 މީހަކާއި 18 އެހީތެރިންނާއި އެންސްޕާ މެދުވެރިކޮށް ގޮސްތިބި 2 އެހީތެރިންނާއި އަމިއްލަ ޚަރަދުގައި ގޮސްތިބި 2 އެހީތެރިން އެނބުރި ރާއްޖެއައުމަށް ހަމަޖެހިފައިވާކަމަށް އާސަންދައިން ވިދާޅުވެއެވެ.
ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ މިޙާލަތުގައިވެސް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުންވަނީ ރާއްޖެއިން ލިބެންނެތް ފަރުވާއަށް ކޮންމެހެން އިންޑިއާއަށް ދާންޖެހޭ މީހުން އިންޑިއާއަށް ގޮސްފަރުވާގެ ކަންކަން ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާފައެވެ.