ކުޅިވަރު

ޒުވާން ކުޅުންތެރިންނަށްޓަކައި މިތަށި ބޭނުން: ކޮންޓޭ


އިންޓަ މިލާންގައި ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިންނަށްޓަކައި ޔުރޮޕާ ލީގު ކާމިޔާބުކުރަން ބޭނުންވާކަމަށް އިންޓަ މިލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޔުރޮޕާ ލީގުގެ ފައިނަލުގައި ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޮންޓޭ ބުނީ ނުވަ އަހަރު ފަހުން އިންޓަ މިލާނަށް ތައްޓެއް ހޯދުމުގެ ފުރުސަތު ފަހިވެފަވާއިރު ޓީމުގެ ކުރިމަގަށްޓަކައި ވެސް ޔުރޮޕާ ލީގު ކާމިޔާބުކުރުން މުހިންމުކަމަށެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަކުރި ނަމަވެސް ގްރޫޕްގެ ތިން ވަނައަށް ދިޔުމުގެ ސަބަބުން ފަހުން ޔުރޮޕާ ލީގުން ފުރުސަތު ލިބުނު އިންޓަ މިލާން ވަނީ ޔުރޮޕާ ލީގުގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދާފައެވެ.

ކޮންޓޭ ބުނީ ޗެމްޕިއަންސް ލީގުގައި ރަނގަޅު ވާދައެއްނުކުރެވުނު ކަމުގައިވިޔަސް ފަހުން ކުޅުން ރަނގަޅުކޮށް ޔުރޮޕާ ލީގުގައި ޓީމުގެ ފަރާތުން އޭނާ ބޭނުންވި ކުޅުން ފެނުނު ކަމަށެވެ. އޭނާގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ސްކޮޑުގައި ތަޖުރިބާ މަދު ޒުވާން ކުޅުންތެރިން ގިނަވުންކަމަށް ކޮންޓޭ ވަނީ ފާހަގަކޮށްފައެވެ. ކުރިން ޗެލްސީއަށް ވެސް ކޯޗުކޮށްދިން ކޮންޓޭ ބުނީ މުބާރާތުގެ ފައިނަލުގައި ސެވިއްޔާއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެކަމަށެވެ. ވޭތުވެދިޔަ ދިހަ އަހަރު ދުވަހު މުބާރާތުގެ އެންމެ ކާމިޔާބު ޓީމާއި އަދި އެންމެ ވަރުގަދަ ޓީމާއި ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗަކަށް ވެގެންދާނެކަމަށް ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ހުރިހާ މަސައްކަތެއް ކޮށްގެންވެސް މެޗު ކާމިޔާބު ކުރުމަކީ އުންމީދެއްކަމަށާއި ޓީމުގެ ސަޕޯޓަރުންނަށްޓަކައި ވެސް އެކަން ކުޅުންތެރިން ކުރަން ބޭނުންވާކަމަށެވެ.

ކޮންޓޭ ވަނީ އިޓާލިއަން ސެރިއާ ތިން ފަހަރު ހޯދާ ޗެލްސީއެކު ލީގު ޗެމްޕިއަންކަން ހޯދާފައެވެ. އަދި އިންޓަ މިލާނާއެކު ހޭދަ ކުރާ ފުރަތަމަ ސީޒަންގައި އެޓީމަށް ތައްޓެއް ހޯދުމުގެ ފުރުސަތު ކޮންޓޭ މިހާރު މިވަނީ ތަނަވަސްކޮށްފައެވެ.