ކުޅިވަރު

ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ސެވިއްޔާ ހޯދައިފި


ޔުއެފާ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ސެވިއްޔާ ހޯދައިފިއެވެ.

ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ސެވިއްޔާ ހޯދީ ޖަރުމަނުގެ ކްލޯންގައި ކުޅުނު ފައިނަލް މެޗުގައި އިޓަލީގެ އިންޓަ މިލާންގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ފައިނަލަށް ސެވިއްޔާ ދަތުރުކުރީ ސެމީ ފައިނަލުގައި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑް 1-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. އަދި އިންޓަ މިލާން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޔޫކްރޭން ޝަހުތަރު ޑޮނެސްކް އަތުން 5-0 އިން މޮޅުވެގެންނެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންޓަ މިލާނުންނެވެ. ސެވިއްޔާގެ ޑިފެންޑަރ ޑިއެގޯ ކާލޯސް އިންޓަރ މިލާންގެ ފޯވާޑް ރޮމޭލޫ ލުކާކޫ އަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ފަސް ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެން އިންޓަރ އަށް ލީޑް ނަގައިދިނީ ލުކާކޫއެވެ. މިއީ މި މުބާރާތުގައި ޖެހިޖެހިގެން ލުކާކޫ ލަނޑު ޖެހި 11 ވަނަ މެޗެއެވެ.

އިންޓަ އިން މެޗުގެ ކުރީކޮޅު ލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް މެޗުގެ 12 ވަނަ މިނެޓްގައި ސެވިއްޔާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ލޫކް ޑި ޔޮން އެޓީމަށް ކާމިޔާބުކޮށްދިނީ، ކެޕްޓަން ޖީސުސް ނަވާސް ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ޖައްސާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި 33 ވަނަ މިނެޓުގައި އެވާ ބަނޭގާ ހިލޭ ޖެހުމަކުން އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި ޑި ޔޮން ވަނީ ސެވިއްޔާ އަށް ލީޑު ނަގައިދީފައެވެ. ސެވިއްޔާއިން ފަހަތުން އަރައި މެޗުގައި ލީޑު ނެގިތާ މާގިނައިރުތަކެއް ނުވަނީސް އިންޓައިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޑިއެގޯ ގޮޑިންއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި ސެވިއްޔާ އިން ކާމިޔާބުކުރި ތިން ވަނަ ލަނޑަކީ އިންޓަގެ ލުކާކޫ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓްގައި ސެވިއްޔާގެ ޑިއެގޯ ކާލޯސް އޯވަރ ހެޑަށް ޖެހި ބޯޅަ އެއް އިންޓަރ ގެ ގޯލަށް ވަނީ ލުކާކޫ އެ ބޯޅައިގައި ފައިން ޖެއްސުމުންނެވެ.

ޔޫރޮޕާ ލީގު ރޭ ނިމުމާއެކު ޔޫރަޕްގެ ފުޓްބޯޅަ ސީޒަނުގައި ދެން ބާކީ އޮތީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އެކަންޏެވެ. އެއީ މި މެޗުގައި ވާދަކުރާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރެއެވެ.