ވިޔަފާރި

އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބަހަނީ


އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ހުށަހެޅުމަށް ފާސްކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާކަމަށެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. މިޖަލްސާ ބާއްވާނީ މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށްކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް، މިމަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ކުރިން ކުންފުނީގެ ވެބްސައިޓްގައިވާ އޭޖީއެމްގެ ވެބްޕޭޖް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. ޖަލްސާގެ އެޖެންޑާ އާއި ޖަލްސާއާއި ގުޅުންހުރި އެހެނިހެން މަޢުލޫމާތު، މި ވެބްޕޭޖުން ފެންނަން ހުންނާނެ ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

މި ޖަލްސާގައި މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ރިޕޯޓާއި ކުންފުނީގެ މަސައްކަތްތަކާއި ބެހޭގޮތުން ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލާފައިވާ މާލީ ރިޕޯޓުތަކާއި ތަފާސް ހިސާބުތަކުގެ ހުށަހެޅުމުގެ އިތުރުން ރިޕޯޓްތައް ފާސްކުރުމަށް ވޯޓަށް އެހުން އޮންނާނެއެވެ. މީގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއި ޑިރެކްޓަރުންގެ ބޯޑުން ބެހުމަށް ނިންމާފައިވާ ހިއްސާގެ ފައިދާ ބަހަން ފާސްކުރުންވެސް މިޖަލްސާގައި އޮންނާނެއެވެ.

ކުރިޔަށް އޮތް ދައުރު ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާ ޑިރެކްޓަރުންނަށް، އަހަރީ އާއްމު ޖަލްސާގައި، ބަދަލެއް ނުގެންނަވާކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

ނިމިދިޔަ 2019 ވަނަ އަހަރަކީ އެސް.ޓީ.އޯގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއް އަހަރު ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެ، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރުވެފައެވެ.މުޅި އެސް.ޓީ.އޯ ގްރޫޕްގެ ފައިދާވެސް ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައެވެ. ނިމިދިޔަ 2019 ވަނަ އަހަރު އެސް.ޓީ.އޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ