އަންނަ މަހު އައު ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ހޯދަން ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭކަމަށް ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.
އިނގިރޭސީ ކުލަބު ޓޮޓްނަމުން ވަނީ އައު ސީޒަނަށް މިހާތަނަށް އެކުލަބަށް ދެ ކުޅުންތެރިޔަކު ގެނެސްފައެވެ. ހިލޭ ޓްރާންސްފާއެއްގައި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކީޕަރު ޖޯ ހާޓް ޓޮޓްނަމާ ގުޅުނުއިރު އެޓީމުން ވަނީ ހުސްވި ސީޒަންގައި ސައުތުހެމްޓަނަށް ކުޅުނު ޕިއެރީ އެމިއަލް ހޯޖްޖިއަރގެ ސޮއި ހޯދާފައެވެ. ހޯޖްޖިއަރގެ ސޮއި ޓޮޓްނަމުން ހޯދީ ކުޅުންތެރިޔާ ހޯދުމަށް ވާދަވެރި އެވަޓަންއިންވެސް މަސައްކަތް ކުރަމުންދަނިކޮށެވެ. ޓޮޓްނަމްއިން ވަނީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ތަމްރީންތައް މިހަފްތާގެ ތެރޭގައި ފަށާފައެވެ.
އެގޮތުން ޕްރީ ސީޒަންގެ ފުރަތަމަ ތަމްރީން މެޗުގައި އިއްޔެ އިސްޕްވިޗް ޓައުނާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން ޓޮޓްނަމް ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މިމެޗުގައި މޮރީނިއޯ ވަނީ ޓީމާ އަލަށް ގުޅުނު ދެ ކުޅުންތެރިންގެ ބޭނުންކޮށްފައެވެ. ކުލަބުގެ ޓީވީ ޗެނަލްގައި ވާހަދައްކަމުން މޮރީނިއޯ ބުނީ ކުލަބުން މިފަހަރު ހޯދީ ވަރަށް ހުނަރުވެރި ކުޅުންތެރިންކަމަށެވެ.
އޭނާ ބުނީ އެކަމަށްޓަކައި އޭނާ ކުލަބުގެ ވެރިންނަށް ޝުކުރު އަދާކުރާކަމަށެވެ. މޮރީނިއޯ ބުނީ ޓީމުގައި މިހާރު ތަޖުރިބާ ހުރި ތިން ކީޕަރުން ތިބޭނެކަމަށާއި ދިގު ސީޒަނަކާއި ކުރިމަތިލާއިރު އެއީ ވަރަށް މުހިންމު ކަމެއްކަމަށެވެ. މޮރީނިއޯ ބުނީ އަންނަ ސީޒަންގެ ތައްޔާރުވުންތައް ދަނީ ރަނގަޅަށް ކަމަށާއި އޭނާއަށް ތައްޔާރުވުންތައް ފެންނަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް. ހުސްވި ސީޒަންގައި މޮރީނިއޯއާކު ޓޮޓްނަމް ނިންމާލީ ލީގުގެ ހަތްވަނައިގައެވެ.