ޚަބަރު

އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ނިސްބަތް އިތުރުވެ 62 އިންސައްތަ އެނދު ފުރިއްޖެ


މާލެ ސަރަޙައްދުގައި ކޯވިޑް-19އަށް އެޑްމިޓްކޮށްގެން ފަރުވާދޭ މީހުން އިތުރުވެ ކޯވިޑަށް ޚާއްސަ އެނދުގެ ގޮތުގައި ހިމެނޭ 62 އިންސައްތަ އެނދު މިހާރު ފުރިފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ބަލި މިހާރު އޮތް މިންވަރުން މިބައްޔަށް ހުށައެޅޭ ހައިރިސްކް ޕޭޝަންޓުންގެ ފުރާނަ ސަލާމަތްކުރެވޭނީ އެންމެ ގުޅިގެން މިވަގުތު އަޅާ ފިޔަވަޅުތަކަކުންކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހިގެން މިހާތަނަށް 26 މީހަކުވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި 20 ދިވެހިންނާއި 6 ބިދޭސީން ހިމެނޭ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނިޔާވި މީހުންގެ ތެރޭގައި ގިނައީ ޢުމުރުން ދުވަސްވީ މީހުންކަން ފާހަގަކުރެވެއެވެ.

އެޗްޕީއޭގެ މިންގަނޑުން ރާއްޖޭގެ ކޯވިޑް-19އަށް އެޑްމިޓްކުރާ މީހުންގެ ނިސްބަތް މިހާރު ހުރީ އެލަރޓް ލެވެލްއަށްވުރެ ވަރަށް މަތީގައެވެ. އެގޮތުން މިބައްޔަށް އެޑްމިޓްކޮށްގެން މިހަފްތާގައި 145 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އެހެންކަމުން މިބަލި ރާއްޖޭގައި ކޮންޓްރޯލްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެހެން ނޫންނަމަ މިބައްޔަށް ހުށައެޅޭ ހައި ރިސްކް ޕޭޝަންޓުންގެ ގިނަބަޔަކު މިބަލީގައި ނިޔާވުމަކީ އެކަށީގެންވާކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ޑރ.ނަޒްލާ މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު އޮތް ގޮތުން މިހާރު އަންނަނީ ފިޔަވަޅުތައް ހަރުކަށިކުރަމުންނެވެ. އެޗްޕީއޭގެ ޕްރިއޮރިޓީ އީޒްޕްލޭން އިންޑިކޭޓަރ ނުވަތަ ފިޔަވަޅުތަކަށް ލުއިދިނުމުގައި ބަލާ މިންގަނޑުން މިހަފްތާގައި ފިޔަވަޅުއެޅުން ހަރުކަށި ކުރަންޖެހޭ ކަމަށް މިއިންޑިކޭޓަރ ތަކުންވެސް ދައްކައެވެ. އެގޮތުން ފިޔަވަޅު ވަރުގަދަ ކުރުމަށް މިރެއިން ފެށިގެން ރޭގަނޑު 20:00އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް އެއްގަމު އުޅަނދުފަހަރު ދުއްވުންވަނީ މަނާކޮށްފައެވެ. އަދި މިޤަވާއިދާ ޚިލާފުވާ މީހުންނާ މެދު ފުލުހުން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް އެޗްއީއޯސީން ހާމަކުރައްވައެވެ. އެގޮތުން ވެހިކަލް ޓޯކޮށް 1000 ރުފިޔާއިން ޖޫރިމަނާކުރުމަށްވަނީ ހަމަޖައްސާފައެވެ.

ފުލުހުންވެސް އަންނަނީ ކޯވިޑް-19އާއި ގުޅިގެން މަނާ ގަޑިތަކުގައި ބޭރުގައި އުޅޭ މީހުންނާއި މާސްކު ނާޅާ ބޭރުގައި އުޅޭ މީހުންނާއި ޢާއްމު ޚިދުމަތްދޭ ތަންތަން މޮނިޓަރކޮށް މިޙާލަތާ ޚިލާފަށް ޢަމަލުތައް ބަހައްޓާމީހުން ޖޫރިމަނާކުރަމުންނެވެ.