ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް އިތުރުވެ ހަފްތާއެއްގެ ތެރޭގައި ހާހަކާ ގާތްކުރާ ޢަދަދަކަށް މީހުން ޕޮޒިޓިވްވުމުގެ ކަންބޮޑުވުން ޓެގް ޓީމުން ފާޅުކުރައްވައިފިއެވެ. އަދި މިހާރު ރާއްޖޭގައި 500 ކޭސް ހަމަވާން ނަގަނީ އެންމެ 3 ދުވަސްކަމަށްވެސް ޓެގްގެ ޓީމުން ހާމަކުރައްވައެވެ. މިއާއެކު ރާއްޖޭގައި އޮތް ކޯވިޑް-19ގެ ޙާލަތުން ނުރައްކަލުގެ ރަނގަބީލުގެ އަޑު މިވަނީ ގަދަވެފައެވެ.
ރާއްޖޭގައި މާޗްމަހުގެ 7 ވަނަ ދުވަހު ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނުފަހުން މިވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި މިދިޔަ ހަފްތާ ހިމެނެނީ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރި ހަފްތާގެ ގޮތުގައެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ޖުމްލަ 980 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.އަލީ ލަތީފް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް މިހާރު ފެންނަމުންދަނީ ނުރައްކާ މިންވަރަކަށް ކަމަށެވެ. އެގޮތުން ފުރަތަމަ ކޭސް ރާއްޖެއިން މާޗްމަހު ފެނުނު ދުވަހުން ފެށިގެން 500 ކޭސް ހަމަވާން ދިގު މުއްދަތެއް ނެގިނަމަވެސް މިހާރު އޮތްޙާލަތުން 500 ކޭސް ހަމަވާން ނަގަނީ ކުރު މުއްދަތެއް ކަމަށް ޑރ.އަލީ ލަތީފް ވިދާޅުވިއެވެ. އަދި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 140ހުގައި ހުރިއިރު ރާއްޖެ ފަދަ ކުޑަ ޤައުމަކާ އަޅާބަލާއިރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވަމުން މިދަނީ ނުރައްކާ މިންވަރަކަށް ކަމަށް ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.
" ރާއްޖެއިން އެންމެ ފުރަތަމަ ކޭސް ފެނުނީ 7 މާޗްގައި. އޭގެ ފަހުން 500 ކޭސް ޕޮޒިޓިވްވާން ނެގީ ގާތްގަނޑަކަށް 56 ދުވަސް. އޭގެފަހުން 500 ކޭސް ޕޮޒިޓިވްވާން މިނެގީ 13 ދުވަސް. މިއަދު އަޅުގަނޑުމެންގެ ޙާލަތު ހުރީ ކިހިނެތްތޯ؟ މިއަދު 500 ކޭސް ޕޮޒިޓިވްވާން މިނަގަނީ އެންމެ 3 ދުވަސް 4 ދުވަސް. މިރޭޓަކީ ވަރަށް ބޮޑު ރޭޓެއް އިނގޭތޯ. އަޅުގަނޑުމެންގެ އެވްރެޖް ހޮސްޕިޓަލް އެޑްމިޝަންވެސް މައްޗަށް ގޮސްފި. ހޮސްޕިޓަލްގެ 60 ޕަސެންޓް އޮކިއުޕައިވެފައިހުރީ." ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.
ފުރަތަމަ ކޭސް ރާއްޖެއިން ފެނުނު ދުވަހުން ފެށިގެން 500 ކޭސް ހަމަވާން 56 ދުވަސް ނަގާފައިވާއިރު މޭއިމަހުން ފެށިގެން ޖުލައިމަހުގެ މެދާހަމައަށް އެވްރެޖްކޮށް 500 ކޭސް ހަމަވާން ނަގަނީ 10 ދުވަހާއި 15 ދުވަހާއި ދެމެދުގެ މުއްދަތެކެވެ. އެހެންނަމަވެސް ޖުލައި މަހުގެ ފަހު ހަފްތާގެތެރޭގައި 500 ކޭސް ހަމަވީ 7 ދުވަހުގެ ތެރޭގައެވެ. އެހެންނަމަވެސް އޯގަސްޓްމަހުގެ ފަހު ހަފްތާއާ ހަމައަށް އައިއިރު 500 ކޭސް ހަމަވާން ނަގަނީ އެންމެ 3 ދުވަސް ނުވަތަ 4 ދުވަސްކަމަށް ޓެގްޓީމުން ހާމަކުރައްވައެވެ.
ރާއްޖޭގައި ކޭސްތައް ފެންނަންފެށުމާއެކު އިއުލާންކުރި ފުރަބަންދުގެ ސަބަބުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވަނީ ވަރަށް ބޮޑަށް މަދުކުރެވިފައެވެ. އެހެންނަމަވެސް މޭއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފުރަބަންދަށް ލުއިދިނުމާއެކު ކޭސްތައް އިތުރުވާންވަނީ ފަށާފައެވެ. އަދި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ހާހަކާ ގާތްކުރާ ޢަދަދަކަށް މީހުންވަނީ ޕޮޒިޓިވްވެފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުންވެސް މިބަލީގެ ޕޮޒިޓިވް ކޭސްތައް އަންނަނީ ފެންނަމުންނެވެ.
ރާއްޖޭގައި ކޭސްތައް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުން މިދާ ރޭޓުގައިދާނަމަ އަލުން ލޮކްޑައުނަކަށްދާން ޖެހިދާނެކަމުގެ އިންޒާރުވެސް ޑޮކްޓަރުން އަންނަނީ ދެއްވަމުންނެވެ. އެއީ މުޅި ރާއްޖެއަށްވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށްވާއިރު އެކަމާ ކުރިމަތިނުލާ ފަރުޖެހޭނީ ޕޮޒިޓިވްވާ ކޭސްތަކުގެ ޢަދަދު ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިގެންކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. މިކަންކުރުމަށް އެޗްޕީއޭއިންވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި ރޭގަނޑު 8 ކުން ފެށިގެން ފަތިހު 5 ޖެހުމާހަމައަށް އެއްގަމު އުޅަނދުގައި އުޅުންވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 10ކުން ފަތިހު 5 ޖެހުމާހަމައަށް ބޭރުގައި އުޅުމަކީވެސް މަނާކަމެކެވެ.