ސްރީލަންކާގެ ޓެލެމެޑެސިން ޕްލެޓްފޯމް، އޯޑޮކް މެދުވެރިކޮށް އުރީދޫ މޯލްޑިވްސް ކަސްޓަމަރުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ ސްރީލަންކާގައި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތްދޭ އޯޑޮކްއާއެކު އުރީދޫއިން ޕަރޓްނަރޝިޕެއް ޤާއިމްކޮށްފައިވާކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުން ރާއްޖޭގައި ތިބެގެން ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ޚިދުމަތްތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައި ހަމަޖައްސައިދިން އިންތިޒާމެއްކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.
އޯޑޮކް ޕްލެޓްފޯރމްއަކީ ބަލި މީހުންނާއި ޑޮކްޓަރުން، ވީޑިއޯ އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ގުޅުވާލަދޭ އޮންލައިން ޕްލެޓްފޯރމްއެކެވެ. މި ޕްލެޓްފޯރމްގައި ހިދުމަތްދޭ ހުރިހާ ޑޮކްޓަރުންނަކީވެސް މަދުވެގެން 5 އަހަރުގެ ތަޖުރިބާހުރި ޑޮކްޓަރުންނެވެ. ޕްލެޓްފޯމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ސޮއި އަދި ސްޓޭމްޕާއެކު ބޭސް ސިޓީ ފޯނަށް ފޮނުވާލަދެވޭނެއެވެ.
އުރީދޫ މޯލްޑިވްސްއިން ބުނީ އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއިއެކު ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސްއިން ފައިސާ ދައްކާލެވޭނެ ކަމަށެވެ.
"ދުނިޔެ މިއަދު އޮތް ހާލަތުގައި އޯޑޮކް ފަދަ ޓެލެމެޑިސިން ޕްލެޓްފޯރމްތައް މެދުވެރިކޮށް ލިބޭ ޚިދުމަތްތަކުގެ މުހިންމުކަން މިވަނީ އިތުރުވެފައި. ގޭގައި ތިއްބަވައިގެން ސްރީލަންކާގެ ފުންނާބު އުސް ޑޮކްޓަރުންނާއި އޯޑޮކް މެދުވެރިކޮށް ގުޅާލެވޭއިރު، ދަތުރުގެ ޚަރަދު އަދި ލަންކާގައި ތިބުމުގެ ޚަރަދު ކުރަންނުޖެހި ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެން ދިއުމަކީ އަޅަގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ، ނަޖީބް ޙާން ވިދާޅުވިއެވެ.
އޯޑޮކް ވަރޗުއަލް ކްލިނިކް މެދުވެރިކޮށް ސްރީލަންކާގެ 450 އަށްވުރެ ގިނަ ޑޮކްޓަރުންގެ ޚިދުމަތް ލިބިގަތުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ ތެރޭގައި ސްރީލަންކާގެ އަދި ރާއްޖޭގެ، އާންމު ބަލިތަކާބެހޭ ޑޮކްޓަރުން، ކުޑަކުދިންގެ ޑޮކްޓަރުން، ހަމުގެ ޑޮކްޓަރުން، އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުންވެސް ހިމެނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޑޮކްޓަރުންވެސް އޯޑޮކް ޕްލެޓްފޯރމް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނިއެވެ.
އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ ހޯދުންތަކުން ދައްކާގޮތުގައި ޑޮކްޓަރަށް ދައްކާ 75 އިންސައްތަ ފަހަރު، އެކަމަކީ ވީޑިއޯ ކޯލް ނުވަތަ ފޯންކޯލް މެދުވެރިކޮށް ވެސް ރަނގަޅަށް ފަރުވާކުރެވޭނެ ކަންކަމެވެ. އެހެންކަމުން ކުރިއަރާފައިވާ ޓެކްނޮލޮޖީއާއެކު މީހުންގެ ދިރިއުޅުން ވެސް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ޑިޖިޓަލްވަމުންނެވެ. އަވަސް އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ގުޅުވާލަދެވޭ މި ޒަމާނުގައި ޓެލެމެޑިސިންގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ.