ޚަބަރު

ވެންޓިލޭޓަރު ގެންނަން އެކްސްޕެންޑިޗަރ އޮތޮރަރިޒޭޝަން ކޮމިޓީންވަނީ ހުއްދަދީފައި - ހެލްތު މިނިސްޓްރީ


ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރ ގެނައުމުގައި އެކްސްޕެންޑިޗަރ އޮތޮރައިޒޭޝަން ކޮމިޓީގެ ހުއްދަ ހޯދާފައިވާނެކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއަރ ޢައިޝަތު ނިޝާމާ ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި ތަރައްޤީކުރި އިމަރޖެންސީ އައިސީޔޫތަކަށް ބޭނުންވާ 200 ވެންޓިލޭޓަރު ވީއެންމެ އަވަހަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ހެލްތަށް އަންގަވާފައިވާކަމަށެވެ. އެގޮތުން އެ ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށްޓަކައި ރައީސް އޮފީހުން އެކުލަވާލާފައިވާ އެކްސްޕެންޑިޗަރ އޮތޮރައިޒޭޝަން ކޮމިޓީގެ ހުއްދަ ހެލްތު މިނިސްޓްރީއަށް ލިބިފައިވާކަމަށް ނިޝާމާ ވިދާޅުވިއެވެ.

ނިޝާމާ ވިދާޅުވީ ވެންޓިލޭޓަރ ގެންނަން ހަވާލުކުރި ކުންފުންޏާ ގުޅޭ މަޢުލޫމާތާއި ކުންފުނީގެ ބެންކް ސްޓޭޓަސްއާއި ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރާ ވެންޓިލޭޓަރުތަކުގެ މަޢުލޫމާތު އެ ކޮމިޓީއާއި ހިއްސާކޮށްފައިވާނެކަމަށެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސުން ހެލްތުން މިނިސްޓްރީއަށް މި ވެންޓިލޭޓަރުތައް ގަތުމުގެ ކަންކަން ކުރިއަށްގެންދިޔުމުގެ ހުއްދަދީފައިވާކަމަށް ލިޔުމުން އަންގާފައިވާކަމަށްވެސް ނިޝާމާ ވިދާޅުވިއެވެ.

އެކްސްޕެންޑިޗަރ އޮތޮރައިޒޭޝަން ކޮމިޓީއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފިނޭންސް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާއި އެންޑީއެމްއޭ ހިމެނޭ ކޮމިޓީއެއްކަމަށް މަޖްލީހުގެ ކޮމިޓީގައި ނިޝާމާވަނީ ވިދާޅުވެފައެވެ. މާލިއްޔަތު ކޮމިޓީގެ މެމްބަރުންވަނީ އެކްޒްޕެންޑިޗަރ އޮތޮރައިޒޭޝަން ކޮމިޓީގެ މަޢުލޫމާތުތަކަކީ މީގެ ކުރިން ޢާއްމު ނުވާ މަޢުލޫމާތުތަކެއްކަން ފާހަގަކުރައްވާފައެވެ.