ޚަބަރު

ވައިކަރަދޫ މީހުން ގޮވާން ދަނޑުތައް ހައްދައި، ގޮވާން ކަނޑަންފަށައިފި


ވޭތުވެ ދިޔަ ދުވަސްތަކުގައި ސޯޝަލް މީޑިއާއިން ފެންނަމުން ދިޔަ އެންމެ ތަފާތު އެއް މަންޒަރަކީ ހދ.ވައިކަރަދޫ ރައްޔިތުން ވަރަށް ފޯރި އާއި ޖޯޝުގައި ގޮވާން ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ. ބިންބި ދަނޑުތަކާއި ދޮނަޅަ ދަނޑުތައް ރުވާލި ހިސާބުން ފެށިގެން ގޮވާން ކަނޑައި، ވީނެގުމާއި ހަމައަށް އައި އިރު އެއިން ކޮންމެ ކަމެއް މަރުހަލާއެއްގެ ފޮޓޯތަކުން ވައިކަރަދޫގެ ރައްޔިތުންގެ މަސައްކަތަށް އައީ ސަމާލުކަން ލިބެމުންނެވެ.

ވައިކަރަދޫގައި ގޮވާންކުރުމުގެ މިމަސައްކަތުގައި ވަކި ޖިންސެއް ވަކި އުމުރެއް ތަފާތެއް ނެތި ރަށުގެ ކުދި ބޮޑު ރައްޔިތުން އަންނަނީ ބައިވެރިވަމުންނެވެ.

ގޮވާންކުރުމަކީ، ވަރަށް ކުރީއްސުރެ ހދ ވައިކަރަދޫގައި ދަނޑުވެރިން ކުރަމުން އައި ކަމެކެވެ. މިގޮތުން އެރަށުގެ ދަނޑުތަކުގައި އެންމެ އާއްމުކޮށް ހައްދަމުން އައީ ބިންބި އާއި ދޮނަޅައެވެ. އެހެންނަމަވެސް ކުދިބަތާއި ޒުވާރިވެސް ހައްދައިއުޅުނެވެ.

ހދ.ވައިކަރަދޫގައި ބިންބި ހެއްދުމަކީ ކޮންމެ ހުޅަނގު މޫސުމެއްގައި ކުރަމުން އައި ކަމެކެވެ. އެހެންނަމަވެސް އެހެން އަހަރުތަކާއި މިއަހަރުގެ ވައިކަރަދޫ ބިންބި މޫސުމާ ވަރަށް ތަފާތެވެ. ސަބަބކީ މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ސަބަބުންނެވެ. ވައިކަރަދޫ ކައުންސިލުން 117 ފަރާތަކަށް ބިންދޫކޮށްފައިވަނީ ބިންބި ހެއްދުމަށް ޝަރުތުކޮށްފައެވެ. ބިންބި ހެއްދުމަކީ ވަރަށް ކުއްރީއްސުރެ އެރަށުގައި ކުރަމުން އައި ކަމަކަށް ވުމުން، އަބަދުވެސް ބިންބި މުޑުވަށްކޮށްފައި ހުންނަކަމަށް ކައުންސިލްގެ ރައިސް އަޙްމަދު ނަސީމް ވިދާޅުވެއެވެ. އެގޮތުން މިހާރުވެސް ރަށުގެ ރައްޔިތުން ބިންބި ހެއްދުމަށް ބޭނުންކުރީ ރަށުގައި ހުރި ބިންބިކަން ކައުންސިލުން ފާހަގަކުރެއެވެ.

މިމަސައްކަތަށް ކައުންސިލްގެ ފަރާތުން ބިން ދޫކޮށް ބިންބި ދަނޑުތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށް ދިނުމުން މަސައްކަތް ކުރިއަށް ގެންދަނީ ރަށުގެ ރައްޔިތުން ގުޅިގެންނެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވައިކަރަދޫ ކައުންސިލްގެ ރައިސް އަޙްމަދު ނަސީމް ވިދާޅުވީ ވައިކަރަދޫ މަގެއްމަތިން ހެނދުނު އަދި ހަވީރު ގަޑިތަކުގައި މީހަކު ފެނުމަކީ ވަރަށް ނާދިރުކަމެކެވެ. އެއީ ދަނޑުތަކުގައި ރަށުގެ ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރާ ގަޑިކަން ކައުންސިލްގެ ރައިސް ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ރަށުގެ ޒުވާނުންގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ކައުންސިލުން ފާހަގަކުރައްވައެވެ.

އަޙުމަދު ނަސީމް ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން މިއަހަރު މިމަސައްކަތް ވަރަށް ތަފާތުވެފައިވާކަމަށެވެ. އެގޮތުން މިއަހަރު ކައުންސިލުން ބިންދޫކޮށްގެން ބިންބި ހެއްދުމުގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ބިންބިއަކީ، ދިގުމުއްދަތަކަށް ރައްކާކޮށްފައި ބެހެއްޓޭ ގޮވާމުގެ ބާވަތަކަށްުވުމާއި އެކު، ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ބިންބި ހެއްދުމަކީ މުހިއްމު ކަމެއްކަން ނަސީމް ފާހަގަކުރެއްވިއެވެ.

މިހާރު، ވައިކަރަދޫގެ ދަނޑުބިންތަކުން ގޮވާން ކަނޑަމުންދާއިރު، ނަސީމް ވިދާޅުވީ، މިފަހަރު ހެއްދި ބިންބި ފަދަ ބާވަތްތައް، ރަށުން ބޭރަށް ފޮނުވުމުގެ ވިސްނުމެއް ރައްޔިތުންގެ ނެތްކަމަށެވެ.

ވައިކަރަދޫގައި ޢާއްމު ގޮތެއްގައި ބިންބި ބޭނުންކުރަނީ ކެއުމުގެ އެކި ބާވަތްތައް ތައްޔާރު ކުރުމަށެވެ. ބިންބި މާފުށަކީ، ދިވެހިންގެ މެދުގަިއ މަޤުބޫލު އެއްޗަކަށް ވާއިރު، ބިންބި ބޭނުންކޮށްގެން ދިވެހިން އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރު ކުރެއެވެ. އަދި ދިވެހިންގެ އެވޭލާ ޒަމާނުއްސުރެ، ތުއްތު ކުދީންނަށް ކާންދިނުމަށް ބިންބިފުށް ބޭނުން ކުރެއެވެ. މިހާރުވެސް ރަށްފުށުަގައި އަލަށް ކާންދޭން ފަށާކުދިންނަށް ބިންބި ކާންދެއެވެ.

ބިންބިއަކީ ބޮޑު އަގުގައި ވިކޭ އެއްޗަކަށްވާތީ ވިއްކާ މީހުންވެސް އުޅޭކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެގޮތުންވެސް ބިންބި ފުށަކީ ބާޒާރުގައި ރަނގަޅު ޑިމާންޑެއް އޮންނަ އެއްޗެއްކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި ކުރާނެ މަސައްކަތެއް ނެތިފައި ތިބި މަންޒަރުތައް ދަނީ ފެންނަމުންނެވެ. އެއާއިއެކު ވައިކަރަދޫއަށް އެނބުރިއައި ޒުވާނުންވެސް އާއިލާގެ މީހުންނާއި ރައްޔިތުންނާއިއެކު ނުކުތީ ދަނޑުތަކަށެވެ.

ވައިކަރަދޫ ކައުންސިލުން ދޫކުރި ބިން ލިބުނު މީހުންގެ އިތުރުން އަމިއްލަ ގޭގެ ގޯތިތެރޭގައިވެސް ބިންބިއާއި އެނޫންވެސް އެކި ބާވަތްތަކުގެ ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ރަށުގެ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

ކޯވިޑް-19ގެ މިޙާލަތުގައި ވައިކަރަދޫގެ ރައްޔިތުން ކުރަމުން އަންނަ މިމަސައްކަތަކީ، ރަށުގެ ރައްޔިތުންނަށް އެކަމުން މަންފާ ކުރާނެ، އަދި އެހެން މީހުންނަށްވެސް ނަމޫނާ މަސައްކަތެކެވެ. މުޅި ދުނިޔޭގެ އިޤުތިޞާދު ހުއްޓި ކޯވިޑް-19ގެ އާލަމީ ވަބާގައި ވިޔަފާރިތައް ބަނގުރޫޓުވަމުން ދާއިރު، އެންމެ މުހިއްމު ކަމަކީ، ޚަރަދުތައް ކުޑަކުރުމާއި އަމިއްލަ އުފެއްދުންތައް އިތުރުކޮށް ފުދުންތެރި ބަޔަކަށް ވުމެވެ.

ރާއްޖެތެރޭ މީހާ

ބިންބި ފުރަތަމަ ކާނާގެ ގޮތުގައި މާލޭގައި ވެސް ބޭނުން ކުރޭ،ހަމަ ވަރަށް ގިނަ މައިން