ޚަބަރު

ކޯވިޑް-19 : ވަޒީފާ އަދާކުރާ ރަށަށް، ނުދެވި ތިބޭ މީހުންނަށް ޚާއްސަ ޗުއްޓީއެއް ދޭންޖެހޭގޮތަށް ކޮމިޓީން ފާސްކޮށްފި


ކޯވިޑް-19ގެ ޙާލަތުގައި ސަރުކާރުން އަޅާ ފިޔަވަޅެއްގެ ސަބަބުން ވަޒީފާ އަދާކުރާ ރަށަށް ނުދެވޭ ޙާލަތުގައިތިބޭ މީހުންނަށް މުސާރަ ލިބޭގޮތަށް، ޚާއްޞަ ޗުއްޓީއެއް ހަމަޖައްސަންޖެހޭގޮތަށް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020، އިސްލާހުކުރުމަށް މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން ފާސްކޮށްފިއެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020، އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައިވަނީ ކޯވިޑް-19އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، ވަޒީފާ އަދާކުރާ މީހަކު ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެފަރާތެއް ހުރިވަގުތެއްގައި ދަތުރުފަތުރުކުރުމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅާ ފިޔަވަޅަކާ ގުޅިގެން އެމީހަކު ވަޒީފާއަށް ނުކުންނަންޖެހޭ ތާރީޚަށް ވަޒީފާ އަދާކުރާ ރަށަށް އަނބުރާ ދެވެންނެތް ޙާލަތެއް މެދުވެރިވެއްޖެނަމަ، އޭނާ ވަޒީފާއަށް ޙާޟިރުނުވެ ހުންނަންޖެހުނު މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭގޮތަށް، ޚާއްޞަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެކަމަށެވެ.

މި އިސްލާހު ގެނެސްފައިވަނީ ކޯވިޑް-19އާ ގުޅިގެން ދިމާވާ ޚާއްސަ ޙާލަތުގައި މުވައްޒަފުންނަށް ވަޒީފާއަށް ދިއުމުގެ ކަންތައްތަކުގައި ލުއިފަސޭހަ ގޮތްތަކެއް ބަޔާންވެފައި އޮތުން މުހިންމުކަމަކަށްވާތީ ގެނައި އިސްލާހެއްކަމަށް ކޮމިޓީ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

މިބިލަށް ކޮމިޓީން ޖުމުލަ 12 އިސްލާހެއް ހުށައަޅާފައިވާއިރު މީގެތެރޭގައި ކޯވިޑް-19ގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ޚާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭ އިސްލާހެއްވެސް ކޮމިޓީންވަނީ ފާސްކޮށްފައެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، އެކި ފަރާތްތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުސޫލުތައް، ވަގުތީ ޤާނޫނަކުން ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ.

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ، މި ބިލަށް ކޮމިޓީން ގެނައި އިސްލާހުތައް ޤާނީ ބާރުލިބިގެންދާނީ މަޖިލީހުގެ ތަޅުމުން މި ބިލް ފާސްކުރުމުންނެވެ.