ކުޅިވަރު

އާސެނަލްއާ ކުރިމަތިލާން ޓީމު އޮތީ ތައްޔާރަށް: ކްލޮޕް


އިނގިރޭސިވިލާތުގެ ސީޒަން ފެށުމުގެ ކުރިން ބާއްވާ ޗެރިޓީ ޝީލްޑް މެޗަށް ލިވަޕޫލް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޮސްޓްރިއާގައި 11 ދުވަހުގެ ތަމްރީން ކުރިޔަށްދައިރު ލިވަޕޫލްވަނީ މި ދަތުރުގައި ދެ މެޗު ކުޅެފައެވެ.

ކޮމިއުނިޓީ ޝީލްޑް މެޗުގައި އަންނަ ހޮނިހިރު ދުވަހު އާސެނަލް އާއި ދެކޮޅަށް ނުކުތުމުގެ ކުރިން ތަމްރީން ދަތުރުގެ ފަހު މެޗުގައި ސަލްޒްބާގާ ވާދަކޮށް އެޓީމު ވަނީ 2-2 ލަނޑު އެއްވަރުވެފައެވެ.

ކްލޮޕް ބުނީ މެޗުގައި އޭނާގެ ޓީމުގެ ނަތީޖާ ގޯސްނޫން ކަމަށެވެ. އެހެންނަމަވެސް ތައްޔާރުވާން ޖެހޭވަރަށް ކުޅުންތެރިންނަށް އެ މެޗަށް ތައްޔާރު ނުވެވުނުކަމަށެވެ. ކްލޮޕް ބުނީ ޕްރީ ސީޒަންގެ ތައްޔާރީތައް އޮސްޓްރިއާގައި ކުރިޔަށްދިޔައީ ރަނގަޅަށް ކަމަށާއި މުޅި ޓީމް ތަމްރީންތަކުގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާކަމަށެވެ.

އޭނާ ބުނީ ސީޒަންގައި އެންމެ ރަނގަޅަށް ހަމަޖެހިގެން ތަމްރީން ހެދޭނެ ދުވަސްވަރަކީ މިއީ ކަމަށެވެ. އާ ސީޒަން އަންނަ މަހު 12 ދުވަހު ފަށާއިރު ޗެމްޕިއަން ލިވަޕޫލަށް ލީގުގައި ވާދަކުރާ ފުރަތަމަ މެޗަކީ އިނގިރޭސި ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އަދި އަލަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެއެވެ.