އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލް އަތުން ބަލިވުމުން ފުރިހަމަ ޒިންމާ ނަގާކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
މެޗަށްފަހު ވާހަދައްކަމުން ކްލޮޕް ބުނީ މިއަދު މީ ލިވަޕޫލްގެ ދުވަހެއް ނޫންކަމަށާއި އެއީ ފުޓްބޯޅައިގެ އާދަކަމަށެވެ. އޭނާ ބުނީ ޝީލްޑް މެޗުން ބަލިވުމުގެ ޒިންމާ އޭނާ ނަގާކަމަށެވެ. މެޗުތަކުން ބަލިވުމުން މާޔޫސްނުވެ އަރައިގަނެވޭނެކަން މީގެން ކުރިން ސާބިތުކޮށްދީފައި ވާނެކަމަށް ކްލޮޕް ބުންޏެވެ.
ހުސްވި ސީޒަންގައި 30 އަހަރަށްފަހު ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު ބުނީ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ލަނޑު ޖަހާނެ ފުރުސަތު ތަނަވަސް ނުކުރެވުން ކަމަށެވެ. އަދި މެޗުގައި ލިބުނު މަދު ފުރުސަތުގެ ބޭނުން އެކަށީގެންވާވަރަށް ޓީމަކަށް ނުކުރެވުނުކަމަށެވެ.
ޕްރީ ސީޒަންގައި އޮސްޓްރިއާ 11 ދުވަހުގެ ތަމްރީންތަކަށްފަހު ކުޅުނު ފުރަތަމަ މެޗުން ބަލިވުމުން ދެރަވާކަމަށްވެސް ކްލޮޕް ބުންޏެވެ. އޭނާ ބުނީ މެޗަށް ނުކުތީ ޕެނަލްޓީ ޖަހަން ޖެހޭނެކަމަށް އުއްމީދުކޮށްގެން ނޫންކަމަށާއި ޕެނަލްޓީއަށް އެހާ ބޮޑަށް ތައްޔާރުވެސް ނުވާކަމަށެވެ. އަދި މި މެޗަކީ އެއް ލެގުން ނަތީޖާ ނެރެންޖެހޭ މެޗަކަށް ވުމުން ކުރިންވެސް މި މެޗު އުނދަގޫވާނެކަމަށް ބެލެވުނުކަމަށް ކްލޮޕް ބުންޏެވެ.
ކްލޮޕް ވަނީ އާސެނަލުން މެޗުގައި ދެއްކި މޮޅުކުޅުމާއި ހޯދީ ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ. ލިވަޕޫލްއިން އައު ސީޒަންގައި ޕްރިމިއަރ ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ 16 އަހަރަށްފަހު ޕްރިމިއާ ލީގަށް ކޮލިފައިވި ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.