ކުޅިވަރު

އަހަންނަކީ ކްލަބުގެ މެސްކޮޓެއް ނޫން، މިލާންގައި މަޑުކުރީ ނަތީޖާ ނެރުން: އިބްރަހިމޮވިޗް


އިޓަލީގެ އެސީ މިލާންގައި މަޑުކުރީ ކްލަބުގެ މެސްކޮޓެއްގެ ގޮތުގައި ހުންނަން ނޫންކަމަށާއި ކުލަބު މަޑުކުރަން ނިންމީ ނަތީޖާ ނެރުމަށް ކަމަށް އޭސީ މިލާން ސްވިޑެން ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

ހުސްވި ޖެނުއަރީ މަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭސީ މިލާނާއި ގުޅުނު ކުޅުންތެރިޔާ ބުނީ މިލާނަށް އާދެވުމަކީ އެނބުރި އަމިއްލަ ގެއަށް އައުންފަދަކަމެއް ކަމަށެވެ. އަދި މިއީ ނަތީޖާ ނެރުމަށް އެންމެން އެކީގައި މަސައްކަތް ފަށައިގަންނަންވީ ވަގުތުކަމަށް އިބްރަހިމޮވިޗް ބުންޏެވެ.

ދާދިފަހުން އިބްރަހިމޮވިޗް ވަނީ މިލާންއާ އެކު އިތުރު އެއް އަހަރު މަޑުކުރުމަށް 7 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާ ބުނީ މިލާން އާއެކު ހޭދަކުރެވުނު ހަ މަހަކީ ވަރަށް ރަނގަޅު ކަންތައްތަކެއް ހާސިލްކުރެވުނު ދުވަސްތަކެއް ކަމަށެވެ. އެހެންނަމެވެސް ކާމިޔާބީގެ ގޮތުގައި އެއްވެސް އެއްޗެއް ހާސިލް ނުކުރެވޭކަމަށެވެ.

މިހާރު އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ ބުނީ އޭނާ އަދިވެސް ހުރީ ފިޓްކޮށް ކަމަށާއި ދެން ބޭނުމީ ކޮންމެ ފަދަ ގުރުބާނީއެއް ވެގެންވެސް ކާމިޔާބު ސީޒަނެއް މިލާންއާއެކު ހޭދަކުރަން ކަމަށެވެ. އޭނާ ބުނީ އުއްމީދަކީ ވަރަށް އަވަހަށް ސަޕޯޓަރުންނަށް ދަނޑަށް ވަދެވި ސަޕޯޓަރުންގެ އެހީތެރިކަމާއެކު ކާމިޔާބު ހޯދަން ފެށުންކަމަށެވެ.

މިހާރު ސްވިޑަންގައި ޗުއްޓީ ހޭދަކުރަމުންދާ އިބްރަހިމޮވިޗް ކުލަބުގެ ޕްރީ ސީޒަން ތަމްރީންތަކުގައި ބައިވެރިއެއް ނުވާނެއެވެ. އޭނާ ޓީމާ ގުޅޭނީ އިޓަލީއަށް އެނބުރި އައިސް ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްފަހުއެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އިބްރަހިމޮވިޗް ހުންނާނީ ހޯމް ކަރަންޓީނުގައެވެ.

ހުސްވި ސީޒަންގައި އިބްރަހިމޮވިޗް ވަނީ މިލާން ކުޅުނު 18 މެޗުގައި 10 ލަނޑު ޖަހާފައެވެ. އޭނާ ވަނީ 2010 – 2012 ވަނަ އަހަރާ ހަމަޔަށް މިލާންއެކު ހޭދަކޮށްފައެވެ. މުޅިއެކު މިލާންއެކު ހޭދަކުރި މުއްދަތުގައި އޭނާ ވަނީ 105 މެޗުގައި 67 ލަނޑު އޭސީ މިލާނަށް ޖަހައިދީފައެވެ.