ކުޅިވަރު

އިޓާލިއަން ސެރީއާ ފަށާނީ މިމަހުގެ 19 ވަނަ ދުވަހު


އިޓާލިއަން ސެރިއާ މިމަހު 19 ވަނަ ދުވަހު ފަށަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ތާވަލުކޮށްފިއެވެ.

މިގޮތަށް ނިންމާފައިވާނީ އެގައުމުގެ ފެޑެރަލް ކައުންސިލްއިން ހޯމަ ދުވަހު ރޯމާގައި ބޭއްވި ބައްދަލުވުމެއްގައެވެ. އިޓަލީގައި ހުސްވި ސީޒަން ނިންމާލީ މިދިޔަ މަހު 2 ވަނަ ދުވަހުއެވެ. ކޯވިޑް-19ގެ ސަބަބުން އިޓާލިއަން ސެރިއާގެ ކުޅުން މާޗު މަހު މެދުކަނޑާލުމަށްފަހު އަލުން ފެށީ ތިން މަސް ފަހުންނެވެ.

އިޓާލިއަން ސެރިއާގެ އައު ސީޒަނުގެ ފުރަތަމަ މެޗުތައް އޮންނާނީ މިމަހު 19 ވަނަ ދުވަހާއި 20 ވަނަ ދުވަހުއެވެ. މުޅި ސީޒަނުގެ މެޗުތައް ރޭވިފައިވާގޮތުގެ ތާވަލު ބުދަ ދުވަހު ނެރޭނެކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުންޏެވެ.

ހުސްވި ސީޒަންގެ ސެރިއާގެ ޗެމްޕިއަންކަން ވިދިވިދިގެން 9 ފަހަރަށް ހޯދީ ޔުވެންޓަސްއިންނެވެ. އަދި ލާޒިއޯ ޗިރޯ އިމޮބިލޭ ވަނީ ސީޒަންގައި ޖެހި 36 ގޯލާއެކު އިޓަލީގެ ރަންބޫޓާއި ޔޫރަޕުގެ ރަންބޫޓް ހޯދާފައެވެ. މިއީ އޭނާ އިޓާލިއަން ލީގުގެ ރަންބޫޓް ހޯދި ތިންވަނަ ފަހަރެއެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އިޓަލީގެ ގިނަ ކްލަބުތަކަކުން ވަނީ ތަމްރީންތައް މިހާރު ފަށާފައެވެ.