ކުޅިވަރު

މި ސީޒަން މިލާނުން ކާމިޔާބުކުރަން ޖެހޭ: އިބްރަހިމޮވިޗް


އިޓާލިއަން ސެރިއާ މި ސީޒަންގައި އޭސީ މިލާނުން ކާމިޔާބުކުރަން ޖެހޭ ކަމަށް އޭސީ މިލާންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފިއެވެ.

މިލާން ޓީވީއަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ބުނީ މިލާނަށް އައުމާއެކު އޭނާއަށް އިހްސާސް ވަނީ އަމިއްލަ ގެއަށް އާދެވުމުގެ އިހްސާސްކަމަށެވެ. ސެރިއާގެ އެހެން ޓީމުތަކަށް އޭނާ ކުޅުނު އިރުވެސް މިލާންއަށް ހާއްސަ ގަދަރެއްކުރާ ކަމަށް މި ސީޒަންގެ ނިޔަލަށް މިލާންގަ މަޑުކުރަން ނިންމި ކުޅުންތެރިޔާ ބުންޏެވެ. މިލާން މި ސީޒަންގައި އިބްރަހިމޮވިޗް ބޭނުންކުރާނީ 11 ނަންބަރު ޖާޒީ ކަމަށް އޭނާ ބުންޏެވެ.

އިބްރަހިމޮވިޗް ބުނީ 11 ނަންބަރު ޖާޒީ ބޭނުންކުރަން ނިންމީ ކުލަބުގެ ސަޕޯޓަރުން އޭނާ ދަންނާނީ އެނަންބަރުގެ ޖާޒީގައި ކަމަށްވާތީކަމަށެވެ. މިލާނަށް 2010 ވަނަ އަހަރު ބަދަލުވެ އިބްރަހިމޮވިޗް ބޭނުންކޮށްފައި ވަނީ 11 ނަންބަރު ޖާޒީ އެވެ. ހުސްވި ޖެނުއަރީ މަހު ކުލަބަށް ބަދަލުވެ އޭނާ ބޭނުންކުރީ 21 ނަންބަރު ޖާޒީއެވެ.

އިބްރަހިމޮވިޗް ބުނީ އުމުރުން 38 އަހަރުގައި ފިޓްކޮށް ހުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އޭނާ ބުނީ މިލާންގައި މަޑުކުރަން ނިންމީ ކުލަބުގެ ކޯޗާއި ކުލަބުގެ ވެރިން އޭނާއަށް އިތުބާރު ކުރާތީކަމަށެވެ. އަދި އޭނާ ސާބިތުކޮށްދެމުން މިދަނީ ފުޓްބޯޅަ ކުޅުންތެރިޔަކަށް އުމުރުއެއީ އެއްވެސް އެއްޗެއް ނޫންކަމަށް ހުސްވި ސީޒަންގައި ކުލަބާ ގުޅުމަށްފަހު 10 ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ބުންޏެވެ. އޭނާ ބުނީ ޗުއްޓީގައި ހުރިއިރު ވަރަށް ގިނަ ކުލަބުތަކުން އޭނާ އާއި ވާހަކަ ދެއްކި ކަމަށާއި މިލާންގެ މަޑުކުރީ އެކުލަބާއެކު އޭނާގެ މުސްތަގުބަލު އޮތްކަމަށް ފެންނާތީކަމަށެވެ.

މިލާނަށް މިހާތަނަށް 67 ލަނޑު ޖަހައިދިން ކުޅުންތެރިޔާ ބުނީ ސެރިއާގައި ހުސްވި ސީޒަންގައި ބަލިނުވެ ތޭރަ މެޗު ހަމަކުރުމާއި ލީގުގެ ހަވަނަ މަގާމެއެކު ޔޫރަޕުގެ ފުޓްބޯޅައިން ޖާގަ ހޯދުމަކީ ކުޑަކާމިޔާބީތަކެއް ނޫންކަމަށެވެ. ކުލަބަށް މިހާތަނަށް 105 މެޗު ކުޅެދިން ކުޅުންތެރިޔާ ބުނީ މި ސީޒަންގައި ފުރަތަމަ ދުވަހުން ފެށިގެން އިތުބާރާއެކު ކުޅުންތެރިން މަސައްކަތް ކުރަންޖެހޭކަމަށާއި ބޭނުންވަނީ ލީގުގެ އެންމެ ކުރީގައި އޮތުން ކަމަށެވެ.

އިޓާލިއަން ލީގު ފެށުމުގެ ދެދުވަސް ކުރިން އޭސީ މިލާނުން ޔުރޮޕާ ލީގުގެ ކޮލިފައިންގައި ޝަމްރޮކް ރޯވާސްއާ ދެކޮޅަށް ސެޕްޓެންބަރު 17 ވަނަ ދުވަހު ނުކުންނާނެއެވެ. މިލާނުން މިހާރު ވަނީ އައު ސީޒަނަށް ތައްޔާރުވުމަށް ޓީމުގެ ތަމްރީންތައް ފަށާފައެވެ.