އައްޑޫ ސިޓީގައި މިހާރު ހަދަމުންދާ ފުލުހުންގެ ސެކިއުރިޓީޒް އެންޑް ލޯއެންފޯސްމަންޓް އިންސްޓިޓިއުޓަކީ ހަމައެކަނި މިއަދުގެ ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ މަސައްކަތެއް ނޫންކަމަށާއި އެއީ 2012 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ މަޝްރޫއެއްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ދ. ވާނީ ޕޮލިސް އެކަޑަމީގެ ދެވަނަ ފިޔަވަހި ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ އައްޑޫގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޤާއިމްކުރަމުންދާ މަރުކަޒެއްކަމަށާއި އެމަރުކަޒުގެ މަސައްކަތްކުރުމަށް ފުރަތަމައިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށެވެ.
ފުރަތަމަ މިކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރ އަދި ފަހުން ނާއިބުރައީސްކަންކުރެއްވި ޑރ. މުޙައްމަދު ޖަމީލް އަހުމަދުކަން ފާހަގަކުރައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓަށް އޭގެ ފަހުން މިވީ ދުވަސްތަކުގެ ތެރޭގައި ތަފާތު ބަދަލުތަކެއް އައިސްފައިވާކަމަށެވެ.
މި މަޝްރޫއާ ގުޅިގެން މީގެ ކުރީގެ ސަރުކާރުތަކުން ކުރެއްވި މަސައްކަތްކުގެ ތަފްސީލްހިއްސާކުރައްވަމުން މިނިސްޓަރ ޝާހިދުވަނީ މިކަމުގައި އެކިގޮތްގޮތުން މަސައްކަތްކޮށްދެވި ކުރީގެ ހޯމް މިނިސްޓަރުންނަށް ޝުކުރުއަދާކުރައްވާފައެެވެ.
"އޭރު މިމަޝްރޫޢު ހިނގަން ކަނޑައެޅުނީ ޅ. ދިއްފުށި މާދޫގައި. އޭގެ ފަހުން 2014 ވަނަ އަހަރު އެ ޕްރޮޖެކްޓް ބަދަލުކުރެއްވީ ލ. އަތޮޅަށް. އެއަށްފަހު ބަދަލުކުރެއްވީ އައްޑުއަތޮޅަށް. އައްޑުއަތޮޅަށް ބަދަލުކުރުމުގައި މަޝްވަރާތަށް ކުރެއްވި އެކަމުގައި އިސްކޮ ހުންނެވީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
ފުލުހުންނަށް ތަމްރީނާއި ޤާބިލުކަން ހޯދައިދިނުމަކީ ސަރުކާރުގެ އެންމެއިސް އެއް ވާޖިބުކަމަށާއި އެކަމަށް ރައީސް ސާލިޙްގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން މިނިސްޓަރ ޝާހިދުވަނީ ފާހަގަކުރައްވާފައެވެ. އަދި ދ ވާނީ އާއި އައްޑޫގައި ހަދާ ފުލުހުންގެ މަރުކަޒުތައް ނިމުމުން ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހައްލުކުުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދުމަށް ފުލުހުންނަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިނިވަން ޑިމޮކްރެޓިކް މުޖްތަމަޢެއްގައި ޤާނޫނާއި ޤާވާޢިދު ނަގަހައްޓައި ތަންފީޒުކޮށް ހިންގުމަކީ އެންމެ މުހިއްމު އެއް އަސާސަށްވީއިރު އެކަން ކުރުމުގައި އެންމެ އިސްސަފުގައި ތިއްބަވާނީ ފުލުހުން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.