ހަމަހަމަ ފުރުޞަތު ދިނުމަކީ ހަމައެކަނި އަންހެނުން ވަޒީފާއަށް ނެރުން ނޫންކަމަށާ، އެއީ އަންހެނުންގެ ވިސްނުމާއި ޤާބިލްކަން ބޭނުންކޮށްގެން ކަންކަން ޙައްލުކުރުމުގެ ފުރުސަތު ދިނުންކަމަށް ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އެކުލަވާލި އަންހެނުންގެ ޚާއްސަ ކޮމިޓީ "މޯލްޑިވްސް ވުމަން އިން ޕޮލިސިންގ" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ އަންހެނުންނަށް ވަޒީފާގައި ހަމަހަމަ ފުރުސަތެއް ދިނުމަކީ ފިރިހެނުން ނުވިސްނާ ދާއިރާތަކުން މުޖުތަމަޢުގައި ހުރި މައްސަލަތަކާމެދު އަންހެނުންގެ ވިސްނުމާއި ޚިޔާލު ބޭނުންކޮށްގެން ތަރައްޤީއަށް މަސައްކަތްކުރުންކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ބަލާއިރު އެއީ 24 ގަޑިއިރު ދޭ ޚިދުމަތެއްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ އެދާއިރާގައި އަންހެނުންނަށް ކުރިއެރުން ލިބޭނީ އެފަދަ މާޙާއުލެއްގައި އުޅުމަށް އަންހެނުންގެ ދިރިއުޅުމުގެ ކަންކަން ދެނެެގަނެ އެކުލަވާލެވޭ ސިޔާސަތުތަކެއްގެ ތެރެއިންކަމަށެވެ.
ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ ތަފާސްހިސާބަށް ބަލާއިރު ރިޕޯޓުކުރާ އިންސައްތަ އިތުރުވެފައިވެއެވެ. ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އެއީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވަމުންދާ ކަމުގެ މިސާލެއްކަމަށެވެ. އަދި އެއިން ދައްކުވައިދެނީ މިފަދަ ބޮޑެތި އިޖުތިމާޢީ މައްސަލަތައް ޙައްލުކޮށްދިނުމަށް ރައްޔިތުން އެދިގެން ތިބުންކަމަށެވެ.
"އަންހެނުންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ އާބާދީގެ ދެބައިކުޅަ އެއްބައި އަންހެނުންނަށް ވަޒީފާ ދިނުންކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭ. ހަމަހަމަކަމަކީ މުޖުތަމަޢުގައި ހުރި މައްސަލަތަކަށް އަންހެނުންގެ ވިސްނުމާއި ތަޖުރިބާ ބޭނުންކުރުމުގެ ޖާގަ ދިނުން." ފަޒަނާ ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާގައި ހަމަހަމަ ފުރުސަތުތަކާއި ކުރިއެރުން ފަހިކޮށްދެއްވައި ކަންކަން ނިންމުމުގެ އިސްސަފުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް "މޯލްޑިވްސް ވުމަން އިން ޕޮލިސް" ތަޢާރަފްކުރިއިރު ދިވެހި ފުލުހުންގެ އާބާދީގެ %10 އަކީ އަންހެނުންނެވެ. މިއީ މިވަގުތު ދެކުނު އޭޝިއާ ސަރަޙާއްދުގައި ފާހަގަ ކުރެވޭ މިންވަރެކެވެ.