ދުނިޔެ

ނަތަންޔާހޫ ހައްޔަރު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކޮށްފި


އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހަފްތާ ތެރޭގައި އިނގިރޭސިވިލާތަށް ޒިޔާރަތް ކުރައްވާއިރު އޭނާ ހައްޔަރު ކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ލައްކަ އަކަށްވުރެ ގިނަ އިނގިރޭސި ރައްޔިތުން ސޮއިކޮށްފިއެވެ. މި ޕެޓިޝަން އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލަނީ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އަނިޔާވެރިއަކަށް އިނގިރޭސިވިލާތުން މަރްޙަބާ ނުކިޔުމަށާ އަދި ނަތަންޔާހޫ އިނގިރޭސިވިލާތަށް ވަޑައިގަތުމާއެކު އޭނާ ހައްޔަރުކޮށް ޝަރީއަތް ހިންގުމަށެވެ.ނަމަވެސް އިނގިރޭސި ސަރުކާރުން ބުނަނީ އެގައުމަށް ރަސްމީގޮތުން ޒިޔާރަތްކުރާ ބޭރުގައުމުތަކުގެ ލީޑަރުންނާއި މަސްއޫލުވެރިންނަކީ ގާނޫނީ ގޮތުން ހިމާޔަތް ލިބިފައިވާ ބައެއްކަމަށާ އެމީހުން ހައްޔަރު ނުކުރެވޭނެ ކަމަށެވެ.ފަލަސްތީނުގެ އެތައްހާސް ބައެއްގެ މަރުގެ ޒިންމާ އުފުއްލަވަންޖެހޭ ނަތަންޔަހޫ އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ ދައުވަތަކަށް ކަމަށް ޚަބަރުލިބެއެވެ.