ޚަބަރު

ދިވެހި ޕާސްޕޯޓަށް އައިއެސްއޯ ސެޓްފިކެޓް ލިބިއްޖެ


އިމިގްރޭޝަނުން ދެމުންދާ ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތަކީ "އައި.އެސް.އޯ ގަބޫލުކުރާ މިންގަނޑަށް ފެތިފައިވާ ބައިނަލްޤްވާމީ ފެންވަރުގެ ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ހަމަޖެހިއްޖެއެވެ.ދިވެހި ޕާސްޕޯޓްގެ ޚިދުމަތަށް "އައި.އެސް.އޯ 9001-2008" ސެޓްފިކްޓް ހަވާލުކުރުމަށް މިއަދު ވަނީ އިމިގްރޭޝަންގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތަށް އައި.އެސް.އޯ ސަރޓިފިކޭޝަން ހޯދުމުގެ މަޤްޞަދަކީ، ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް އެއް މިންގަނޑެއްގައި ދެމެހެއްޓުން ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރާއްޖޭގައި އައި.އެސް.އޯގެ މިންގަނޑު ވަޒަން ކުރާ ކުންފުނި މެޑިކުއިޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުހައްމަދު ރަޝީދެވެ.އައި.އެސް.އޯ ސެޓްފިކެޓާއި ހަވާލުވެލެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ.ދިވެހި ޕާސްޕޯޓްގެ ޚިދުމަތް އައި.އެސް.އޯ މިންގަނޑަށް ފެއްތުމަށް އިމިގްރޭޝަނުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޚިދުމަތުގެ ކޮލިޓީ ދެމެހެއްޓުމަށް ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތަކާއި، ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، އިމިގްރޭޝަނުން އެންމެ ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ޚިދުމަތުގެ ފެންވަރަށް ގެނެވުނު ބަދަލާއެކު މި ދާއިރާއަށް އިތުރު ކުރިއެރުންތައް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަންވަރު ވިދާޅުވީ އައިއެސްއޯ މިންގަނޑަށް ހިދުމަތުގެ ފެންވަރު މަތިވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މިކަމުގެ ސަބަބުން މިހާރު ޚިދުމަތް ދެމުންދާ ސަރަހައްދު ބޮޑުކޮށް އިތުރު ކައުންޓަރުތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތަށް އައި.އެސް އޯ ސެޓްފިކެޓް ލިބުނުއިރު، ދިވެހި ޕާސްޕޯޓް ތައްޔާރު ކުރެވިފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން އައިކާއޯގެ މިންގަނޑަށް ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.